ކޯވިޑް-19

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 61، ރަނގަޅުވީ 7


ރާއްޖެއިން ކޯވިޑް-19އަށް 61 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00އާ ހަމައަށް ޕޮޒިޓިވްވި 61 މީހުންގެ ތެރޭގައި 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 15 މީހެއްގެ އިތުރުން އިންޑިއާގެ 2 މީހަކު ހިމެނޭކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 3567 އަށް އަރާފައިވާއިރު، މިއަދު މި ބަލިން ރަނގަޅުވެފައިވަނީ 7 މީހުންނެވެ. މިއާއެކު މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2554އަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާރު މިވަނީ 983 އަށް އަރާފައެވެ. މި ބަލީގައި ރާއްޖޭން މަރުވެފައިވަނީ 15 މީހުންނެވެ.

ކޯވިޑް-19އަށް ފަރުވާ ދިނުމަށްޓަކާ 657 އައިސޮލޭޝަން ފެސިލިޓީއަށް ލާފައިވާއިރު، މި ބައްޔަށް ޓެސްޓްކުރުމަށްޓަކާ ނެގުނު ސާމްޕަލްތަކުގެ ޢަދަދު 76،937 އަށް ވަނީ އަރާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގެ 12 ރަށަކުން މިވަގުތު ފެނިފައިވާކަމަށެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 9 ރަށަކާއި، 2 ރިސޯޓެއްގެ އިތުރުން ހަދަމުންދާ ރިސޯޓެއް ހިމެނެއެވެ.

މާލޭގެ އިތުރުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްތައް

  • ހއ. ކެލާ
  • ނ. އަތޮޅު - ޗެވަލް ބްލަންކް ރަންދެލި ރިސޯޓު، ސޮނޭވާ ޖަނި ރިސޯޓު
  • ރ. އަތޮޅު - ދުވާފަރު، ހުޅުދުއްފާރު، އިނގުރައިދޫ
  • ބ. އަތޮޅު - އޭދަފުށި، ހިތާދޫ، ސީސައިޑް ފިނޮޅު
  • ޅ. ކުރެންދޫ
  • ކ. މާފުށި
  • އއ. ތޮއްޑޫ

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިންފަހުން ފަހަކަށް އައިސް ރާއްޖޭގައި މި ބަލި ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުންނެވެ. ވަކިން ޚާއްސަކޮށް ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާއިރު، ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ ބަލި މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.