ޚަބަރު

ގުޅިފަޅު މެޑިކަލް ފެސިލިޓީ 2 ދުވަސްތެރޭ ނިންމަނީ


ގުޅިފަޅުގައި ބިދޭސީންނަށް ޚާއްސަކޮށްގެން ތަރައްޤީކުރި މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް 2 ދުވަހުގެތެރޭ މުޅިން ނިންމައި ސަރުކާރާއި ޙަވާލުކުރެވޭނެކަމަށް ފެނަކަ އާއި ސިވެކުން ބުނެފިއެވެ.

ގުޅީފަޅުގައި ތަރައްޤީކުރާ 600 އެނދުގެ ފެސިލިޓީއަކީ ބިދޭސީންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ފެސިލިޓީއެކެވެ. ކޯވިޑް ބަލިޖެހޭ ބިދޭސީންނަށް ޚާއްސަކޮށްގެން ގުޅީފަޅުގައި މުޅިން އަލަށް ތަރައްޤީކުރި ފެސިލިޓީއަކީ، ކޮވިޑް ބަލީގެ މީހުން ކަރަންޓީން ކުރުމާއި، ބޭނުންވާ ސިއްޙީ ފަރުވާދެވޭނެހެން ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ.

ފެސިލިޓީގެ މަސައްކަތްކުރަނީ ފެނަކަ ކޯޕަރޭޝަނާއި ސިފައިންގެ ވެލްފެއަރ ކަންކަމަށް ހަދާފައިވާ ސިވެކްގެ ގުޅިގެންނެވެ. މި މަސައްކަތާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ސިވެކްގެ ފަރާތުން ވިދާޅުވީ، ފެސިލިޓީގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތަކާއި، ފެސިލިޓީއަށް ބޭނުންވާ ތަކެތި ހަމަކޮށްނިމި، ބޭނުންކުރަން ތައްޔާރުވެފައި ވާކަމަށެވެ. ސިވެކުން ބުނެފައި ވަނީ މިވަގުތު ކުރަނީ ފެނާއި ކަރަންޓާއި ގުޅުންހުރި ކުދިކުދި މަސައްކަތްތަކެއް ކަމަށާއި، މި މަސައްކަތްތައް ދެދުވަހެއްތެރޭގައި މުޅިން ނިންމާ ފެސިލިޓީ ސަރުކާރާއި ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

6 ޔުނިޓު ހުންނަ މި ފެސިލިޓީގެ، ކޮންމެ ޔުނިޓެއްގައި 6 ފާޚަނަ ހުންނާނެއެވެ. އަދި ދޮންނަބަޔާއި މެސް ރޫމްފަދަ ތަންތަންވެސް ހުންނާނެއެވެ.

މި މަސައްކަތް ފަށާފައި ވަނީ މީގެ ދޮޅުމަހެއްހައި ދުވަސްކުރިންނެވެ. ފެސިލިޓީއަކީ ޕްރީފެބްރިކޭޓް ނުވަތަ ރާވާގޮތަށް ތައްޔާރުކޮށްފައިވާ ފެސިލިޓީއެކެވެ.

ކޯވިޑް-19 އާއި ގުޅިގެން ބިދޭސީންނަށް ޚާއްސަ ފެސިލިޓީތައް ހެދުމުގެ މަސައްކަތް ފެށީ، ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ބިދޭސީންކަމުގައި ވާތީއެވެ. މިހާތަނަށް އައިރު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ 55 އިންސައްތައަކީ ބިދޭސީންނެވެ.

ބިދޭސީންގެ ކްލަސްޓަރ އެންމެ ބޮޑުވެގެންދިޔަ އެއް ސަބަބަކީ މާލެއިން ފުރަތަމަ ބަލި ފެނުނު ކްލާސްޓަރތަކުގެ ތެރޭގައި ބިދޭސީން ދިރިއުޅޭ ގިނަ އަދަދެއްގެ ތަންތަނުގެ ކްލަސްޓަތައް ހިމެނުމެވެ. އަދި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ތެރެއިން 30 އަށްވުރެ ގިނަ ތަން، ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނުގެ ގޮތުގައި ކަނޑައަޅައި، އެތަންތަނުގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީން އެހެން ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށްފައިވެއެވެ.
ހުޅުމާލެ އާއި، ވިލިވަރާއި އަދި ގުޅީފަޅުގައި ބިދޭސީންނަށް ޚާއްސަކޮށްގެން ކަރަންޓީން ފެސިލިޓީތައްވެސް މީގެ ކުރިން ވަނީ ހަދާފައެވެ.