ޚަބަރު

ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފި


ދިޔަވަރުބޮޑުވާ ވަގުތުގައި ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދަ އަރާނެކަމަށް ލަފާކޮށް ކ.އަތޮޅުންފެށިގެން އައްޑޫސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލަރޓް ވެސް ނެރެފައެވެ. މި ސަރަޙައްދުތަކަށް ދިޔަވަރުބޮޑުވާނީ މެންދުރުފަހު 03:00 އިން ފެށިގެން 19:00އާއި ދެމެދުގެ ގަޑިތަކުގައިކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާިއން ވިދާޅުވެއެވެ.

މީގެއިތުރުން ފ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މިމަހުގެ ތެރޭގައި މޫސުން ގޯސްވެ ވައި ގަދަވެ ބައެއް ރަށްތަކަށް އުދައަރައި ބަނދަރު ސަރަޙައްދަށާއި، އުޅަނދުފަހަރަށާއި، އަދި ރަށުތެރެއަށް ލޮނުއަރައި ގޭގެއަށް ލޮނުވަދެ އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.