އަތޮޅުތައް

ހޮނިހިރު ދުވަހު ހަނިފަރު ފަތުރުވެރިންނަށާ އާންމުންނަށް ހުޅުވާލަނީ


ބ އަތޮޅު ހަނިފަރު ހޮނިހިރު ދުވަހުން ފެށިގެން ފަތުރުވެރިންނަށާ އާންމުންނަށް ހުޅުވާލާނެކަމަށް ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީހުން ބުނެފިއެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީހުން ބުނީ ބ.އަތޮޅަށް އަންނަ ގިނަބައެއްގެ މަޤްބޫލްކަން ލިބިފައިވާ ހަނިފަރު ސަރަހައްދު ބޭނުން ކުރުމުގައި، ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައި އެއާއި އެއްގޮތަށް އަމަލު ކުރުމަށް ރިސޯޓްތަކަށް އަންގާފައި ވާކަމަށެވެ. އަދި އެއްފަހަރާ މާގިނަ މީހުން ހަނިފަރަށް ނުގެނައުމަށްވެސް އެދެވިފައި ވާނެ ކަމަށެވެ. އަދި ހަނިފަރަށް ދާން ބޭނުންވާ ފަރާތަކުން ނުވަތަ ރިސޯޓަކުން ހަނިފަރަށް ދާމީހުންގެ އަދަދާ ދާ ގަނޑި ވެސް އެއްދުވަސް ކުރިން އަންގަން ޖެހޭނެކަމަށްވެސް އެއޮފީހުން ބުނެއެވެ.

ބ.އަތޮޅަށް އަންނަ ފަތުރުވެރިންގެ ތެރެއިން 70 ނުވަތަ 80 އިންސައްތަ ފަތުރުވެރިން ހަނިފަރަށް ޒިޔާރަތްކޮށް މަންޓާ އާ ފެހުރެހި ބަލާލަން ބޭނުންވެއެވެ.

ކޮންމެ އަހަރަކުވެސް މަންޓާ އާ ފެހުރެހި ހަނިފަރުން ފެންނަނީ ހުޅަނގު މޫސުމުގައެވެ. އެއީ ކޮންމެ އަހަރެއްގެވެސް މޭ މަހުން ފެށިންގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މި ދުވަސް ވަރަކީ ހަނިފަރުން އެންމެ ގިނައިން މަންޓާ ފެންނަ އެއްދުވަސްވަރެވެ. މިއަހަރު 10000 (ދިހަ ހާސް) ފަތުރުވެރިން ހަނިފަރަށް ގެނައުމަށް އަމާޒު ހިފިނަމަވެސް ކޮވިޑް 19 ގުޅިގެން އެކަން ހާސިލް ނުވާނެކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު 8000 (އަށް ހާސް) ފަތުރުވެރިން ވަނީ ހަނިފަރަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ބ އަތޮޅުގެ ރިސޯޓުތަކަށް ފަތުރުވެރިން ވަނީ އަންނަން ފަށާފައެވެ.