ވިޔަފާރި

އިންކަމް ޓެކްސް ނެގުމުގެ ވިސްނުމެއް ނެތް: ސަޢުދީ އަރަބިއްޔާ


ސަޢުދީ އަރަބިއްޔާގައި އިންކަމް ޓެކްސް ނެގުމާ ގުޅޭގޮތުން ސަރުކާރުގައި އެއްވެސް މަޝްވަރާއެއް ކުރަމުންދާ ނުދާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ސަޢުދީ ސަރުކާރުން މިކަން ހާމަކޮށްފައިވަނީ، ވިޔަފާރި ޚަބަރުތައް ގެނެސްދޭ މަޝްހޫރު ބުލޫމްބާގް ނޫހަށް ދިން އިންޓަވިއެއްގައި ސައުދީ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން ދެއްކެވި ވާހަކަފުޅަކާ ގުޅިގެނެވެ.

ބުލޫމްބާގަށް މަޢުލޫމާތުދެއްވަމުން ސައުދީގެ ފިނޭންސް މިނިސްޓަރ ޖަދާން ވިދާޅުވީ އެޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ދާއިރާތައް ޕްރައިވެޓައިޒްކޮށްގެން ބޮޑު އާމްދަނީއެއް ހޯދުމަށް ވިސްނަމުންދާއިރު، އިންކަމް ޓެކްސް ނެގުމަކީވެސް އާމްދަނީ އިތުރުވާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރުގެ ވާހަކަފުޅުތަކާ ގުޅިގެން ސަޢުދީ ސަރުކާރުން ވިދާޅުވީ އިންކަމް ޓެކްސް ނެގުމާ ގުޅޭގޮތުން ސަރުކާރުން އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާކަމަށެވެ. އަދި މިހާތަނަށް ބޭއްވި އެއްވެސް ބައްދަލުވުމެއްގައި އެފަދަ ޚިޔާލެއްވެސް ގެންގުޅެފައި ނުވާކަމަށް ސަޢުދީ ސަރުކާރުން ބުނެއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީ އަރަބިއްޔާއަކީ ޓެކްސް ނުނަގާ ޤައުމަކަށްވާއިރު، އެޤައުމުން ދަނީ ތެލަށް ބަރޯސާވުން ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ޓެކްނޮލޮޖީއާއި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް އެޤައުމުން ދަނީ އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރަމުންނެވެ.