ތިމާވެށި

ފުވައްމުލަކު ފަރިކެޑެ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ކަނޑައަޅައިފި


ފުވައްމުލަކު ސިޓީ ފަރިކެޑެ ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ކަނޑައަޅުއްވައިފިއެވެ.

ފުވައްމުލަކުގެ ފަރިކެޑެ ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސަވާފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލު ކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހަށްޓާ ތަންތަނާބެހޭ ގަވައިދުގައިވާގޮތުގެ މަތިންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފަރިކެޑެ ސަރަޙައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި، ވިހެއުމަށް ޖަމާވެ އުޅޭ ސަރަޙައްދެކެވެ. އެ ސަރަޙައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ކަނޑި މިޔަރާއި ފާނަ މިޔަރު ހިމެނެއެވެ. އަދި ގިނަ ޢަދަދެއްގެ އެންމަޑި އާއި، ފެހުރިހިވެސް އެ ސަރަޙައްދުން ފެންނަކަމަށް ވެއެވެ. މި ދިރުންތަކަކީ ދުނިޔެއިން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކެއްކަމުން މިފަދަ ދިރުންތައް ސާފުކުރުމަށާއި، ވިހައި އާލާވުމަށް ބޭނުންކުރާ ސަރަޙައްދު ހިމާޔަތްކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، އެމަރޖެންސީ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ޙާލަތެއްގައި މެނުވީ ފުވައްމުލަކު ފަރިކެޑެ ސަރަޙައްދަށް ނަގިލިލުމަކީ މަނާކަމެއް ކަމަށާއި، އެ ސަރަހައްދުން ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި، މެރުމަކީ މަނާކަމެއްކަމަށެވެ. އަދި ކުނި އެޅުމާއި، ވެލި، މުރަކަ، އަކިރި ނެގުމަކީވެސް މަނާކަމެއް ކަމަށާއި، އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުމަކީވެސް މަނާކަމެއްކަމަށެވެ.

މީގެ އިތުރުން އެ ސަރަޙައްދުގައި ބިންހިއްކުމާއި ފަޅު ފުންކުރުން މަނާކޮށްފައިވާއިރު، އެކުއާކަލްޗަރ އާއި މެރިކަލްޗަރގެ މަސައްކަތް ކުރުމާއި، ރޭގަނޑު ދިއްލައިގެން މަސްތިލަކުރުން ފަދަ ކަންކަން ކުރުންވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

އެހެންނަމަވެސް ފަރިކެޑެ ސަރަހައްދުގެ ފަޅާއި ފަރަށް އާއްމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުމާއި، މަހަށް ކާން އެޅުމާއި ދިރާސާކުރުން ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއެކު ކުރެވިދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.