ޚަބަރު

ކޯވިޑް-19 : "އިތުރު ގްރޭޑްތަކަށް ކިޔަވައިދޭން ފެށިއަސް އިތުރު ނުރައްކަލެއް ނެތް"


އިތުރު ގްރޭޑްތަކަށް ސްކޫލުތަކުގައި ކިޔަވާދޭން ފެށުމަށް މިވަގުތު ނުރައްކަލެއް ނެތްކަމުގެ ޔަޤީންކަން އެބައޮތްކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ސްކޫލްތަކުގެ ތެރޭގައި ބަލި ފުރުޞަތު ވީހާވެސް ކުޑަކުރުމަށް ސްކޫލުތަކުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައި ވާކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ އެއްވެސް ސްކޫލެއްގެ ތެރޭގައި ކޯވިޑް-19 ފެތުރެމުން ނުދާކަމުގެ ޔަޤީންކަން އެސެންޓަރުން ވަނީ ދެއްވާފައެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުގައި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް އަޅާފައި ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއިވެސް އެއްގޮތަށް ކަމަށެވެ. އަދި ސްކޫލުތަކުގެ ތެރެއިން ދަރިވަރުންގެ މެދުގައި ބަލި ފެތުރެމުން ނުދާ ކަމަށާއި، އަދި ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ ޓީޗަރުންނަކީ ސްކޫލަށް ނުކުންނަ ޓީޗަރުންނަށް ނުވާތީ އެޓީޗަރުންގެ ކިބައިން ބަލި ފެތުރުމުގެ ފުރުޞަތެއް ނޯންނާނެ ކަމުގައިވެސް ޑރ ނަޒްލާ ރަފީޤު ވިދާޅުވިއެވެ.

ޑރ ނަޒްލާ ރަފީޤު ވިދާޅުވީ ސްކޫލުތަކުގެ ތެރޭގައި ބަލި ނުފެތުރުނު ނަމަވެސް ބައްޔަށް ޕޮޒިވްވާ ކުޑަކުދިންގެ ޢަދަދު އަންނަނީ އިތުރުވަމުންކަމަށެވެ. އެގޮތުން ޕޮޒިޓިވްވާ ކުދިންގެ ތެރޭގައި ހިމެނެނީ ސްކޫލު ކުދިންނަށް ވީނަމަވެސް އެކުދިންނަކީ ސްކޫލަށް ނުދާ ކުދިން ކަމަށާއި، ބަލި އެކުދިންނަށް އަރާފައި ވަނީ ގޭގެ މާހައުލުން ނުވަތަ ބޭރުތެރެއިން ކަމަށެވެ. ޑރ. ނަޒްލާ ވަނީ ގޭގޭގައި ކުޑަކުދިން ތިބޭއިރު، ގެއިންބޭރަށް ނުކުންނަ ބޮޑެތިމީހުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަށް ސްކޫލްތަކުގައި މިޕްރެކްޓިސްކުރެވެނީ އިންޓަނޭޝަނަލް ސްޓޭންޑާޑް. ގައިދުރުކަމާއި، ސެނިޓައިޒޭޝަން އަދި ބަލީގެ އަލާމާތްތަކަށް އަހުލުވެރިވެ ކުދިން އަދި މުވައްޒަފުންވެސް މިފަދަ ކަމެއް ހުރިނަމަ ސްކޫލްއަކަށް ނުގެންނަން. އެހެންކަމުން މި ދަންނަވަނީ މިވަގުތު އިތުރަށް ކުދިން އަޔަސް ނެތްކަން ނުރައްކަލެއް. މި މިންގަނޑުތައް ހިފެހެއްޓޭހާ ހިނދަކު" އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޢީދު ބަންދަށްފަހު މިއަންނަ މަހު ސްކޫލްތައް އަލުން ހުޅުވާލާ އިރު، މާލެ ސަރަޙައްދުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަކަން ހާމަކުރައްވާފައެވެ. މިގޮތުން ގްރޭޑް 7 އަދި 8 ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން 3 މަހަށްވުރެ ގިނަ ދުވަސް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ކިޔަވާދޭން ފަށާފައި ވަނީ މިމަހު ޖުލައި 1 ވަނަ ދުވަހުއެވެ.

ކޯވިޑް-19ގެ ޙާލަތާއެކު ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ އައު އާއްމު ހާލަތުގައި ކޯވިޑް-19 ނެތް ހުރިހާ ރަށެއްގައި ގްރޭޑް 1އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުންނެވެ. ނަމަވެސް މާލެ ސަރަހައްދުގައި އަދި ކިޔަވައި ދެނީ ގްރޭޑް 9އިން 12 އަށެވެ.

ސްކޫލްތަކުގައި މިހާރު ކިޔަވައިދެމުން ދަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރު ކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައި ދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައި ވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ކުރިއާ ޚިލާފަށް ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ކިޔަވިދެމުން ދަނީވެސް މޭޒުތައް ދުރުދުރުގައި ބަހައްޓައި ގައި ދުރުކޮށެވެ. ސްކޫލްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުމާއި ސްކޫލްތަކުގައި އަތްދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންވެސް ސްކޫލަށް ދަނީ މާސްކް އަޅައިގެންނެވެ.

ޢަޒްހާ

ކޮންކަމައްތޯ؟ޔަގީންކަން ތިދެނީ ﷲ ގެ ކުޅަދުންވަންތަ ކަން ކޮންމެ ކަމަކީވެސް އަހރެމެންގެ ދަރިން ނުފޮނުވާނަން ސްކޯލައް