2020 ވަނަ އަހަރަކީ މިފަހުގެ ތާރީޚުގައި އިންސާނުންގެ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް ގެނުވި އަހަރެވެ. ވިޔަފާރިތައް ބަންދުކޮށް، ޤައުމުތަކުގެ ބޯޑަރުތައް ބަނދުކޮށް އެންމެން ގޭގައިބަންދުވާން ޖެހުނު މިއަހަރަކީ ގިނަ ބަޔަކު ބަދުނަސީބު އަހަރެއްގެ ގޮތުގައި ސިފަކުރެއެވެ. މިހުރި ހާކަމެއްގެ މެދުވެރިވީ މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނި މިއަހަރުގެ ތެރޭ މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19އެވެ.
ކޮންމެއަކަސް، މިއަދު ގިނަ ޤައުމުތަކެއް މި ބައްޔާކުރި މަތިލައި، އުނދަގޫ ހިތްދަތި ދިގު ދުވަސްތަކެއް ވޭތުކުރުމަށްފަހު މިހާރު މިވަނީ ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. މި ވޭތުވެ ދިޔަ ހައެއްކަ މަހަކީ އިންސާނީ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ދުވަސްވަރެކެވެ. އެގޮތުން ބަލިމީހުންނަށް ޙާއްސަ ތަކެތި ކަމުގައި ބެލެވުނު މާސްކާއި، އަންގި އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރި ސެނިޓައިޒަރ ފުޅިތައް މިއަދު މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުގެ އެންމެ އަސާސީ ތަކެތިކަމުގައި ވެފައެވެ. މިކަން މިއަދު ކުޑަދޮރުން ބޯ ދިއްކޮއްލައި ބޭރު ބަލާލިޔަސް ނުވަތަ ގޭތެރެއިންވެސް ފެނިގެންދާނެއެވެ.
މިކަންތަކުގެ އިތުރުން، މި ދުވަސްވަރު ސަރުކާރުތަކުންއެޅި ފިޔަވަޅުތަކާއިއެކު ގިނަ ބަޔަކު ގޭގައި ބަންދުވާން މަޖުބޫރުވިއެވެ. މިއާއެކު އެންމެ ބޮޑު ބަދަލެއް އައި އެއްކަމަކީ ކެއިން ބުއިމުގެ ވައްޓަފާޅިއަށެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ، ފުރަބަންދުގެ ދުވަސްވަރު އެންމެ ގިނައިން މީހުން ކައި އުޅުނު ތަކެއްޗަށެވެ.
ދުނިޔޭގައި ފުރަބަންދުގެ ޙާލަތުގައި އެންމެ ގިނައިން މީހުން ކެއިންބުއިމަށް ބޭނުންކުރި ތަކެތީގެ ދިރާސާއަށް ބިނާކޮށް މަޝްހޫރު ނޫސްއޭޖެންސީ ބީބީސީން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވާގޮތުން މި ދުވަސްވރު އެންމެ ގިނަ ބަޔަކު ބޭނުންކުރީ ލުއިކާނާ އާއި ދަޅު ކާނާއެވެ.
ޕެކެޓާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަފާތު ބާވަތްތަކުގެ ލުއިކާނާ ބޭނުން ކުރާ މިންވަރު އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ގިނަ ބަޔަކު ގަނޑުކޮށް ކާބޯތަކެތި ގަތުމުގައި ގިނަ ދުވަހަށް ބެހެއްޓޭ ކާނާގެ ބާވަތްތަކަށް އިސްކަން ދިނުންވެސް ހިމެނެއެވެ. މިގޮތުން ލުއިކާނާގެ ބާވަތްތަކަކީ ފުރިޖްނުކޮށް ގިނަ ދުވަހު ބެހެއްޓޭ ބާވަތްތަކެކެވެ.
މީގެ އިތުރުން ފުރަބަންދާއި ގުޅިގެން ޤައުމުތަކަށް ދަނޑުވެރިކަމުން އުފައްދާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ތަރުކާރީ އާއި މޭވާފަދަ ތަކެތި އިމްޕޯޓު ކުރުމަށާއި އެކްސްޕޯޓް ކުރުމަށް ކުރިމަތިވި ދަތިތަކާއި ގުޅިގެންވެސް އާއްމުންގެ މެދުގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ބޭނުން ކުރާ މިންވަރު އިތުރުވެގެން ދިޔައެވެ.
ބީީބީސީގެ ރިޕޯޓްގައި ބުނެފައިވާގޮތުން ފުރަބަންދުގައި ވިޔަފާރިކުރަން ނުކުމެ އުޅުނު 76 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. މިގޮތުން ފިރިހެނުން ވިޔަފާރި ކުރަން ނުކުތުމަކީވެސް ޕަކެޓާއި ދަޅާއި ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާގެ ބާވަތްތައް ގަތުން އިތުރުވި ކަމެއް ކަމުގައި ފާހަގަކޮށްފައި ވެއެވެ.
ބީބީސީގެ ރިޕޯޓްގައި ވަނީ ފުރަބަންދުގެ ތެރޭގައި ވަގުތު ހޭދަކޮށްލުމަށް ކައިއުޅޭ ލުއި ކާނާ ނުވަތަ "ލޭޒީ ފުޑްސް"ގެ ޑިމާންޑްވެސް ވަރަށް ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން ޕޮޕްކޯން އާއި، ފްރެންޗް ފްރައިސް ބާވަތްތަކުގެ ޑިމާންޑް 69 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ. މި ދުވަސްވަރާއި ދިމާކޮށް މި ފަދަ ތަކެތީގެ އައު ފްލޭވާތައްވެސް ނެރުނުކަމަށް ބީބީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ. މިއާއެކު މިތަކެތީގެ ޑިމާންޑް މިދޔަ އަހަރާއި އަޅާބަލާއިރު މިހާރު ވަނީ 12 ގުނަ މަތިވެފައެވެ.
ފުރަބަންދޭ ބުނުމުން ގިނަ ބަޔަކަށް ސިފަވަނީ އާއިލާއާއެކު ހޭދަކުރާ ވަގުތަކަމަށް ބީބީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. މި މަންޒަރު ރާއްޖެއިންވެސް ފެނިގެން ދިޔައެވެ. އެގޮތުން ދުވަހަކުވެސް ބަދިގެޔަށް ނުވަންނަ ފިރިމީހާ އާއި ދަރިން ބަދިގެޔަށް ވަަދެ މަންމައިންނާއި އަނބިންނާއިއެކު ކެއްކުމުގައި ބައިވެރިވެފައިވާ ކަން ފާހަގަކުރެވިފައި ވެއެވެ.
މި ލިސްޓްގައި ދެން މި ހިމެނިގެންދާ ބާވަތުގެ ޑިމާންޑް ބޮޑުވެގެން މިދިޔައީ މި ސަބަބަށްޓަކައެވެ. މާކެޓް ރިސާރޗްކުރާ ފަރާތެއްކަމަށްވާ "ނިލްސަން" އިން ބުނާގޮތުން ފުރަބަންދުގެ ދުވަސްވަރު ބޭކިން ޕްރޮޑަކްޓްސް ނުވަތަ ފިހެގެން ކާތަކެތީގެ ޑިމާންޑް ވަނީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 66 އިންސައްތަ މަތިވެފައެވެ. އޭގެ ތެރޭގައި ފުށުން ފެށިގެންގޮސް، ބޭކިން ޕައުޑަރ އާއި، ޕާނާއި، ބަޓަރާއި، ޔީސްޓާއި އަދި އެހެނިހެން ތަކެތި ހިމެނެއެވެ.
މި ފުރަބަންދުގައި ކެއްކުމުގެ ހުނަރު ހުރި އެކަމަކު ކުރިން އެކަން ފާހަގަ ވެފައި ނުވާ އެތައް ބަޔަކުވެސް ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. އެއީވެސް ޕޭސްޓްރީ ތައްޔާރު ކުރާ ތަކެއްޗަށް ޑިމާންޑް ބޮޑުވި މައި ސަބަބެވެ. އަދި ބައެއް މީހުން ވަނީ އެމީހުންގެ އެކިއެކި ސޯޝަލް މީޑިއާ އެކައުންޓްތަކުގައިވެސް ކެއްކުމާއި ގުޅޭ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި ތައްޔާރު ކުރާ ތަކެތީގެ ފޮޓޯ އާއި ވީޑިއޯތައް އާއްމުކޮށްފައެވެ.
ބީބީސީގެ ރިޕޯޓްގައި ވަނީ މިގޮތަށް ޝެފުންނަށް ވި ބައެއް ފަރާތްތަކާއި ސުވާލުކޮށްފައެވެ. އެގޮތުން ކްރިއޭޓިވް ނޭޗަރ ސުޕަރ ފުޑްސްގެ ނަމުގައި މިއަދު ކާމިޔާބު ބޭކަރީއެއް ހިންގާ ޖޫލިއަން ޕުނަން ބުނާގޮތުން އޭނާ މި މަސައްކަތް ފެށުނީ ހުސްވަގުތު ފުރާލުމައްޓަކައެވެ. އެއްވެސް ގޮތަކަށް މިކަމަކީ ދިރިއުޅުމުގައި އާމްދަނީ ހޯދުމަށް ކުރާކަމަކަށް ބަދަލުވާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. އެހެންނަމަވެސް މިއަދު އޭނާއަކީ އޮސްޓްރޭލިއާގެ އޭނާ އުޅޭ އަވަށުގެ ނަން މަޝްހޫރު ބޭކަރ އެކެވެ. ޖުލިއަން ބުނާގޮތުން ފުރަބަންދުގައި އޭނާ ގޭގައި އިނދެގެން 16 ގަޑިއިރަށްވުރެ ގިނަ އިރު ތަކެތި ފިހެ ބައެއް އެކުވެރިން ލައްވާ ޑެލިވަރ ކުރުވިއެވެ.
ބީބީސީގެ ރިޕޯޓްގައި ފުރަބަންދުގެ ޙާލަތުގައި ޑިމާންޑް ދައްވި ބައެއް ތަކެތިވެސް ވަނީ ހިމަނާފައެވެ. އެގޮތުން މި ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވާގޮތުން ފުރަ ބަންދުގެ ތެރޭގައި އެއްގަމު މަހުގެ ބާވަތްތަކަށް އޮތް ޑިމާންޑް ދަށްވެގެން ދިޔައެވެ.
އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި މި ދުވަސްވަރު މަހުގެ ބާވަތްތައް ކެއުން 23 އިންސައްތަ މީހުން އެއްކޮށް ވަނީ ހުއްޓާލާފައެވެ. ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނަނީ ކޯވިޑްގެ ބަލިމަޑުކަން ފެތުރުނު ފުރަތަމަކޮޅު އެކަމާއި ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކެވެ. އެގޮތުން ޕެކްކޮށްފައި ހުންނަ މަހުގެ ބާވަތްތަކުން ބަލި ފެތުރޭކަމަށް ބުނެ ދެއްކި ވާހަކަތަކުގެ ސަބަބުން ބައެއް މީހުން މަސްކެއުމަށް ޖެހިލުންވިއެވެ.
ހަމައެއާއި އެކު ފުރަބަންދާއި ގުޅިގެން އެއްގަމު މަހުގެ ވިޔަފާރިއަށާއި ސަޕްލައިއަށްވެސް ވަރަށްބޮޑަށް ދަތިތައް ކުރިމަތިވެ އެ ވިޔަފާރިއަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. އެހެންނަމަަވެސް މި ދުވަސްވަރު އެކި ބާވަތްތަކުގެ ސޮސެޖަށް އޮތް ޑިމާން 50 އިންސައްތަ އިތުރުވިއެވެ. އަދި މީގެ ތެރޭގައިވެސް އެކި ބާވަތްތަކުގެ އައު ބާވަތްތަކުގެ ސޮސެޖް ހިމެނޭކަން ދިރާސާއިން ދައްކައެވެ،
މި ދިރާސާގައި ވަނީ ބައެއް ކުދިކުދި އެހެން ކަންކަންވެސް ފާހަގަކޮށްފައެވެ. އެގޮތުން ފުރަބަންދުގައި މަގުމަތިން ލިބެން ހުންނަ ކާނާ ނުވަތަ ސްޓްރީޓް ފުޑްސް ކާމީހުން އިތުރުވިކަން ފާހަގަކޮށްފައެވެ. މި ސަބަބައްޓަކައި މިރުސް ލައިގެން ހަދާ ގިނަ ކާނާ އާއި، ބާބަކިއު ކާނާގެ ޑިމާންޑް ބޮޑުވިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މި ދުވަސްވަރު ދުޅަހެޔޮ ކާނާ ކެއުމަށް ލޯބިކުރާ މީހުންގެ އަދަދު ގިނަވިކަންވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މިއަދަދު ލުއިކާނާ ކާ މީހުންގެ އަދަދާއި އަޅާ ބަލާއިރު އުޅެނީ މާ ދަށުގައެވެ.
މި ލިސްޓް ކޮއްލީ މަދު ބާވަތްތަކެއްގެ ކާނާއެކެވެ. މިއިން ކޮންމެ ބާވަތަކުންވެސް އެކި ވައްޓަފާޅީގެ މީހުންގެ ދިރިއުޅުން ފެނިގެންދެއެވެ، މި ލިސްޓްގައި އެންމެ ގިނައިން ތިމާއަށް ކެވުނު ތަކެތި ހިމެނޭތޯ އަނެއްކާ ބަލާލުން ކިހިނެއް ވާނެހެއްޔެވެ.