ވިޔަފާރި

އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެނުންނަށް!


ކޯވިޑް19ގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަމުންދަނީ އަންހެނުންނަށްކަމަށް އައި.އެމް.އެފްއިން ހާމަކޮށްފިއެވެ.

އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްގެ އިޤްތިޞާދީ މާހިރުން ވިދާޅުވީ ކޯވިޑްގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ އަސަރު ފިރިހެނުންނަށްވުރެ ބޮޑަށް ކުރަމުންދަނީ އަންހެނުންނަށްކަމަށެވެ.

އިޤްތިޞާދީ މާހިރުން ބުނާގޮތުން ކޯވިޑްގެ ސަބަބުން އަންހެނުންނަށް ކުރިމަތިވަމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައި ނުދެވިއްޖެނަމަ، އަންހެނުން ބާރުވެރިކުރުވުމަށް މިދިޔަ އަހަރުތަކުގެ ތެރޭގައި ކުރި މަސައްކަތްތައް ބޭކާރުވެގެންދާނެކަމަށެވެ. އަދި ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން މިކަމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް އިޤްތިޞާދީ މާހިރުން ބުނެއެވެ.

2009 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގައި ވަޒީފާ ގެއްލުނު ފިރިހެނުންގެ އަދަދު ގިނަ ވިޔަސް، ކޯވިޑްއާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގައި ގިނައިން ވަޒީފާ ގެއްލިފައިވަނީ އަންހެނުންގެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އަންހެނުން ހަރަކާތްތެރިވާ ރީޓެއިލް ވިޔަފާރި، ހޮސްޕިޓާލިޓީ އަދި ޓުއަރިޒަމް ދާއިރާއިން އަންހެނުންގެ ވަޒީފާތައް ގެއްލެމުންދާކަމަށް އެފަރާތްތަކުން ބުނެއެވެ.

އައި.އެމް.އެފްއިން ބުނާގޮތުގައި ސްކޫލްތައް ބަންދުކުރުމާއި ކުޑަކުދިން ބަލަހައްޓައިދޭ ޑޭކެއަރ ސެންޓަރުތައް ބަންދުކުރުމުން ވަޒީފާއަށް ނުނިކުމެ ދަރިން ބަލަން ގޭގައި ތިބެންޖެހޭ އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް އަލުން ހިނގައިގަތަސް، ވަޒީފާތަކަށް އަންހެނުން ނިކުންނަން ދަތިތައް ކުރިމަތިވާނޭކަމަށްވެސް އައި.އެމް.އެފްއިން ބުނެއެވެ.

ކެނެޑާގައި ހެދި ދިރާސާއެއް ދައްކާގޮތުން އުމުރުން 6 އަހަރުން ދަށުގެ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ވަޒީފާއަށް ނިކުތުމުގެ ފުރުޞަތު އަންހެނުންނަށްވުރެ ފިރިހެނުންނަށް 3 ގުނަ ބޮޑެވެ. އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގައި ރަސްމީ ވަޒީފާއެއް ލިބުމުގެ ފުރުޞަތު އަންހެނުންނަށް ކުޑައެވެ. އަދި މީގެކުރިން ފެތުރުނު އެކިއެކި ބަލިމަޑުކަމުގެ ތެރޭގައި ސްކޫލުން ވަކިވާ ފިރިހެން ކުދިންނަށްވުރެ އަންހެނުން ކުދިން ގިނަކަންވެސް ދިރާސާތަކުން ދައްކައެވެ.

އައިއެމްއެފްއިން ބުނާގޮތުން އިޤްތިޞާދީގޮތުން އަންހެނުންނަށް ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުތަކާއި ޤާނޫނުހަދާ ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން އާމްދަނީގައި ހުރި ފަރަޤުތައް ކުޑަކޮށް، އިޤްތިޞާދީ ފުރުޞަތުތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް އައި.އެމް.އެފްއިން ބުނެއެވެ