ކޯވިޑް-19

ކޯވިޑް-19 : އިޤްތިޞާދު ކުރިއަރާނީ، ބަލިމަޑުކަމުން ރައްކާތެރިވެވުނު މިންވަރަކުން - މިނިސްޓަރ ފައްޔާޟް


ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ހަރުދަނާކުރެވޭނީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެވުނު މިންވަރަކުންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓަރ މިހެން ވިދާޅުވީ، ލ.ގަމާއި ގއ.ވިލިނގިލީގައި ޤާއިމް ކޮށްފައިވާ ކޯވިޑް-19 މެނޭޖްމަންޓް ފެސިލިޓީތައް ހުޅުވުމަށް ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޟް ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އުފެއްދި ޓާސްކްފޯހުގައި މަސައްކަތް ކުރެއްވިއިރު ކުރެވުނު ތަޖުރިބާ ޚިއްސާކުރައްވާފައެވެ. މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި، ފުރަބަންދު އިޢުލާންކުރުންފަދަ އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ދަތި އުނދަގޫ ނިންމެވުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ނިންމަވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް ޞިއްޙީ ތަޖުރިބާކާރުންގެ ލަފާއާއެކު ނިންމެވި ނިންމެވުންތަކުގެ ހެޔޮ އަސަރު ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމަކާއި އަޅާބަލާފައި، ރައްކާތެރިކަމުގެގޮތުން ދުރާލާ އެޅުނު ފިޔަވަޅުތަކާއި، ވަޞީލަތްތައް ޤާއިމުކުރުމުގައި ހޯދުނުގައި ކުރިއެރުންތަކާއެކު މިއަދު ރާއްޖެމިއޮތީ ރަނގަޅު ޙާލަތެއްގައިކަމަށެވެ. މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް އުނދަގޫވެފައިވާ އެތައްކަމެއް ޙައްލުކޮށްދިނުމުގެ އުންމީދުގައި ކަމަށާއި، ވެރިކަމަށް އައިއިރުވެސް އެތައްކަމެއް ބޮއްސުންލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ޞިއްޙީ ނިޒާމުވެސް ރައްޔިތުންނާ ވަރަށް ދުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19ގެ މި އުނދަގޫ ޙާލަތާއެކު ރަނގަޅު ކަންތައްތަކެއްވެސް އައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ޞިއްޙީ ނިޒާމު ލާމަރުކަޒުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ކޯވިޑް-19ގެ ތެރެއިން އެޅިފައިވާކަމަށާ، ޞިއްޙީ ނިޒާމު ވަރުގަދަކުރުން އަވަސްވެގެންދިޔަކަމަށް މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

"މިގޮތަށް މި ހުޅުވޭ ފެސިލިޓީތަކަކީވެސް ހަމައެކަނި ކޮވިޑް-19އަށް ފަރުވާ ދިނުމަށްޓަކާ ކުރެވިފައިވާ މަސައްކަތްތަކެއްނޫން. ކޯވިޑް-19ގެ ސަބަބަކަށް މެދުވެރިވިކަމަށްވީނަމަވެސް މި ކުރެވުނު މަސައްކަތްތަކަކީ ދާއިމަށް މިއަތޮޅުތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އަތޮޅުތަކުގައި ޞިއްޙީ ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތައް ލިބިގަތުމަށް އަދި އެތައް ޚަރަދެއްކޮށް އެތައް ވޭނަކާއެކު މާލެއަށް އެތައް ފަރުވާއަކަށް ނައިސްވާނެ ގޮތްތަކެއް މެދުވެރިވެގެން މިދިޔައީ" މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުގެ އައްސޭރިއަކާ ހަމައަށް ގެންދިއުމުގައި އެތައް ބައެއްގެ ހިތްވަރާއި ޤުރުބާނީ އެކުލެވޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތްތާނގައި ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ހަރުދަނާކުރަން ކުރާ މަސައްކަތްތައް ފުޅާކުރެވެން އޮތީވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް މިގޮތުގައި ކުރިއަށްގެންގޮސްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.