ކުޅިވަރު

ބާސެލޯނާގައި ކޯވިޑް ފެތުރޭތީ ކަންބޮޑުވޭ: ނަޕޯލީ ކޯޗު


ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ތައްޔާރުވާއިރު އެންމެ ބޮޑަށް ޖެހިލުންވަނީ ބާސެލޯނާގައި ކޯވިޑް-19 ފެތުރޭތީކަމަށް އިޓަލީގެ ނަޕޯލީން ބުނެފިއެވެ.

ބާސެލޯނާ ނިސްބަތްވާ ސްޕޭނުގެ ކެޓަލޯނިއާއަކީ އެ ގައުމުގައި ކޯވިޑް އެންމެ ބާރަށް ފެތުރެމުންދާ ސަރަހައްދެއެވެ.

ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނީ އޮގަސްޓް 8 ވަނަ ދުވަހު ބާސެލޯނާގައި ކުޅެން ޖެހޭ މެޗާމެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެކަމާމެދު ގޮތްތަކެއް ނިންމަންޖެހޭ ކަމަށެވެ.

"އަހަރެންގެ ޓީމު އޮތީ ހުރިހާ ގޮތަކުން ވެސް މި މެޗަށް ތައްޔާރުވެފައި. ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި. ބާސެލޯނާ މެޗަކީ އަހަރުމެންނަށް ނަތީޖާނެރެވިދާނެ މެޗެއް. ފުޓްބޯޅަ މެޗެއްގައި ނަތީޖާ ނެރޭނީ ދަނޑުމަތީގައި ކުރާ މަސައްކަތުން. އެ ޓީމެއްގެ ތާރީހަކުންނޫން. މި ގޮތަށް ބަލާއިރު އަހަރުމެން އޮތީ މެޗަށް ތައްޔާރުވެފައި. އެކަމަކު މެޗު ކުޅެނީ ބާސެލޯނާގައި ކަމަށްވާތީވެ ކަންބޮޑުވުންތަކެއް އެބަހުރި،" ކުރިން އިޓަލީގެ އޭސީމިލާނަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

މި މެޗަށް ތައްޔާރުވާއިރު މި ދެ ޓީމު މިދިޔަ ފެބްރުއަރީ މަހު ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. ޔޫއޭފާއިން މިހާރު ނިންމާފައިވަނީ ދެ ވަނަ ބުރުގެ މެޗުތައް ނިމުމާއެކު ބާކީހުރި މެޗުތައް ޕޯޗުގަލްގައި ކުޅުމަށެވެ. އެއީ ކޯވިޑް-19ގެ ސަބަބުން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރިން ރައްކާތެރިނުވާތީއެވެ.