ޚަބަރު

އަންނަ މަހު މާލެ ސަރަހައްދުގައި އިތުރު 2 ގްރޭޑަކަށް ކިޔަވައިދޭން ފަށަނީ

އަންނަ މަހު މާލެ ސަރަޙައްދުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއިޝަތު އާތިޔާ ނަސީރު ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ހަފްތާގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމަށް ވިސްނަމުންދާކަމަށެވެ.

މިގޮތުން ގްރޭޑް 7 އަދި 8 ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ތައްޔާރު ވަމުންދާކަމަށް އާޠިޔާ ވިދާޅުވިއެވެ. އަދި ހާލަތު ރަނގަޅުވަމުން ދާނަމަ އިތުރު ގްރޭޑްތަކަށްވެސް ކިޔަވައިދޭން ފަށާނެކަން އާތިޔާ ފާހަގަކުރެއްވިއެވެ.

މާލޭގެ ސްކޫލްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ދާކަން ފާހަގަކުރައްވާ އާތިޔާ ވިދާޅުވީ އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމުން ދަތިތަކެއް ކުރިމަތިވިނަމަވެސް ދަރިވަރުންނަށް ކިޔަވއިދެމުންދާނީ މިހާރުވެސް ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާ އެކުގައިކަމަށެވެ.

"ކިޔަވައިދޭން ފަށާއިރު ސްކޫލްތަކުގެ އެރޭންޖްމަންޓްސްތަކަށް ބަދަލުތަކެއް އަންނާނެ. މިހާރުވެސް އެޗްޕީއޭގެ މިންގަނޑުތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކިޔަވއިދެމުންދާނީ. ދަރިވަރުން އަންނާނީ މާސްކް އަޅައިގެން. ސްކޫލްއަށް ވައްދާނީ ހުން ބެލުމަށްފަހު. މިފަދަ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފަ ހުންނާނެ."ސްޓޭޓް މިނިސްޓަރ އާއިޝަތު އާޠިޔާ ނަޞީރު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން 3 މަހަށްވުރެ ގިނަ ދުވަސް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ކިޔަވާދޭން ފަށާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

ކޯވިޑް-19ގެ ޙާލަތާއެކު ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ އައު އާއްމު ހާލަތުގައި ކޯވިޑް-19 ނެތް ހުރިހާ ރަށެއްގައި ގްރޭޑް 1 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުންނެވެ. ނަމަވެސް މާލެ ސަރަހައްދުގައި އަދި ކިޔަވައިދެނީ ގްރޭޑް 9 އިން 12 އަށެވެ.

ސްކޫލްތަކުގައި މިހާރު ކިޔަވއިދެމުންދަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރުކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ކުރިއާ ޚިލާފަށް ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ކިޔަވިދެމުން ދަނީވެސް މޭޒުތައް ދުރުދުރުގައި ބަހައްޓައި ގައި ދުރުކޮށެވެ. ސްކޫލްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުމާއި ސްކޫލްތަކުގައި އަތްދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންވެސް ސްކޫލަށް ދަނީ މާސްކް އަޅައިގެންނެވެ.

ދެރަ

ދިވެހިންގެ ތެރޭގައި ބަލި އިތުރަށް ފެތުރޭ ކަން ސަރުކާރަށް އިހްސާސް ނުވަނީބާ؟

ޢަލި

ސުކޫލަށް ނުފޮނުވާ ގިނަކުދިން އކަމު އަދިވެސް ކުލާސްތައް އިތުރު ކުރަނީ. ދެރަކަމެއް ސަރުކާރަކަށް ނުވިސްނޭ ދެއްތޮ ހަޤީގަތެއް.