ފުރަބަންދުގެ ހާލަތުގައި، މަތީ ތަޢުލީމްދޭ ހުރިހާ މަރުކަޒެއްގައިވެސް ކިޔެވުމަށް ބުރޫނާރާގޮތައް އިންތިޒާމުތައް ހަމަޖެއްސުނުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފުރަބަންދުގެ ޙާލަތުގައި އެ މިނިސްޓްރީން ތަޢުލީމު ފޯރުކޮށްދިނުމުގައި ހޯދި ކާމިޔާބީތަކާއި ދިމާވި ގޮންޖެހުންތަކުގެ ޚުލާސާ ރިޕޯޓެއް އާންމުކުރައްވާފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި މި ރިޕޯޓުން ދައްކާގޮތުން ފުރަބަންދު ކުރިނަމަވެސް، މަތީ ތަޢުލީމްދޭ ހުރިހާ މަރުކަޒެއްގައިވެސް ކިޔެވުމަށް ބުރޫނާރާގޮތައް އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި ދުވަސްވަރު ކޮލެޖް ޔުނިވަރސިޓީތަކުގައި އޮންލައިން ކްލާސްތައް ބޭއްވޭނެ މަގު ހަމަޖައްސާ މިފަދަ ޙާލަތަކަށް ދުރާލާ ތައްޔާރުވެފައިވާކަން މި ތަފާސް ހިސާބުތަކުންދައްކައެވެ. އެގޮތުން މި ހާލަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ތަޢުލީމު ފޯރުކޮށްދެމުންދިޔައިރު ބައެއް ތަންތަނުގައި އިންޓަނެޓްގެ މައްސަލަ ދިމާވި ނަމަވެސް، 85 އިންސައްތަ މަރުކަޒުން މިފަދަ އެއްވެސް މައްސަލައެއް ދިމާނުވެ އޮންލައިން ކްލާސްތައް ވަނީ ހިންގާފައެވެ. އެގޮތުން އޯޑިއޯ/ވީޑިއޯ ކޮންފަރެންސްތަކާއި، ރިކޯޑްކޮށްފައި ހުރި ލެސަންސްތައް ނަގާފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ މިބަލިމަޑުކަން ކުރިމަތިވި އިރު ޓީޗަރުންވެސް އޮންލައިންކޮށް ފިލާވަޅުތައް ނަގައިދިނުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން 90 އިންސައްތަ މުދައްރިސުންނަށް މި އައު އިންތިޒާމުގެ ދަށުން ތަޢުލީމު ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވެފައި ނުވާކަން އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.
މި ރިޕޯޓްގައިވަނީ، މި ދުވަސްވަރު ތަޢުލީމު ފޯރުކޮށްދިނުމުގައި ދިމާވި ގޮންޖެހުންތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން އިންޓަނެޓްގެ އެކި މައްސަލަތަކާއި ދަރިވަރުން އައު ނިޒާމަށް ފަރިތަވުމުގައި ދިމާވި މައްސަލަތަކާއި، ދަރިވަރުންނަށް އޮންލައިން ކްލާސްތައް ހިންގާއިރު ކޮންޓެންޓް ނަގައިގަތުމުގައި ކުރީކޮޅު އުނދަގޫވިކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އޮންލައިން ކްލާސްތައް ކޮންޓްރޯލްކުރުމުގައި އަދި އައު އިންތިޒާމުގެ ދަށުން ތަފާތު ގޮތްތަކަށް ފިލާވަޅު ހުށަހަޅައިދިނުމުގައި މުދައްރިސުންނަށްވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އެގޮތުން އިންޓަނެޓްގެ އައު އުސޫލުތަކަށް ކްލާސްތައް ހިންގުމަށް 50 އިންސައްތަ ތަޢުލީމީ މަރުކަޒަށް ވަގުތު ބޭނުންވިކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ރިޕޯޓްގައިވާ ގޮތުން 98 އިންސައްތަ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުންވަނީ އޮންލައިން ކްލާސްތައް ގިނަކޮށް ތަޢުލީމީ ނިޒާމުގައި ހިމެނުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ފުރަބަންދުގެ ޙާލަތުގައި މި އިންތިޒާމުގެ ސަބަބުން މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ނުހުއްޓި ޤަވާއިދުން ގެންދެވި، ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދެވިފައެވެ. މި ރިޕޯޓްގައި މި ހާލަތުގެ ސަބަބުން މަތީތަޢުލީމްދޭ މަރުކަޒުތަކުންދޭ ބައެއް އިމްތިހާންތަކާއި އެސައިންމެންޓްތައް ނެގުމުގައި ލަސްކަމެއް އައިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި މައްސަލަ 40 އިންސައްތަ މަރުކަޒަށް ވަނީ ކުރިމަތިވެފައެވެ.