ވިޔަފާރި

ކޯވިޑް-19 : އޭވިއޭޝަން ސިނާޢަތަށް ބޮޑު ބަދަލެއް


ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ހުއްޓުމާއިއެކު ފެނިގެން ދިޔައީ އޭވިއޭޝަންގެ ދާއިރާއަށް ގެއްލުންވަމުން ދިޔަ މަންޒަރެވެ. އެތައް ހާސް ފްލައިޓްތަކެއް އުދުހެމުންދިޔަ ވައިގެ ސަރަޙައްދު ހުސްވި މަންޒަރެވެ. މާރޗްމަހާ ހަމަޔަށް ދިޔައިރުވެސް އުޑުމަތިން އެތައް ހާސް ފްލައިޓްތަކެއް އުދުހެމުންދިޔަ މަންޒަރު ދިޔައީ ފެންނަމުންނެވެ.

ނަމަވެސް ކޯވިޑް-19ގެ ސަބަބުން އޭޕްރިލްމަހުން ފެށިގެން ފްލައިޓް ދަތުރުފަތުރުތައް ހުއްޓުމަކަށް ދިޔައެވެ. ފަސިންޖަރުންގެ އަދަދު އެތައް ގުނައެއް މަދުވިއެވެ. އޭޕްރިލްމަހު ފަސިންޖަރުންގެ އަދަދު އޭގެ ކުރީ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 94 އިންސައްތަ ދަށަށް ދިޔައެވެ. މިއީ ފައިސާއިން ބަލާނަމަ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމެކެވެ.

ޖޫންމަހާއި ހަމަޔަށް އައިއިރު 189 ޤައުމަކުން ވަނީ ދަތުރުފަތުރުކުރުމުގައި އެކިއެކި ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި ބޯޑަރު ބަންދުކުރުމާއި، ކަރަންޓީން ކުރުން އަދި އެހެނިހެން ފިޔަވަޅުތައް ހިމެނެއެވެ. މީގެ ސަބަބުން ނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ހުއްޓުމަކަށް އައިސް، އެއަރލައިންތަކަށް ގެއްލުންވެ، ބައެއް އެއަރލައިންތައް ބަނގުރޫޓުވެގެންދިޔައެވެ. ވައިގެ ދަތުރުފަތުރުގެ ސިނާއަތުން އެތައް ހާސް ވަޒީފާއެއް ގެއްލިގެން ދިޔައެވެ.

ދަތުރުފަތުރުކުރުން ހުއްޓުމާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތަށް 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެކަމަށް އިންޓަރނޭޝަނަލް އެސޯސިއޭޝަން ޓްރެވަލް ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔަޓާއިން ކުރިން އަންދާޒާކުރިއެވެ.

ކޯވިޑްގެ ޙާލަތު މަޑުމަޑުން ހަމައަކަށް އެޅެމުންދާއިރު ވައިގެ ސަރަޙައްދުން އަނެއްކާވެސް ފްލައިޓްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. ވައިގެ ދަތުރުފަތުރަކީ އާންމު އަދި ފަސޭހަ ކަމެއްގެ ގޮތުގައި އޮތަސް އަލުން ދަތުރުފަތުރު ފެށިގެން މިދަނީ ބޮޑު ބަދަލުތަކަކާއިއެކުއެވެ. މިކަމުގެ ސަަބަބުން ގިނަ ދަތިތަކެއް ދަތުރުވެރިންނަށް މިހާރު ކުރިމަތިވެއެވެ. މިހާރު ގިނައިން ބާއްވަނީ ދިގު ދަތުރުތަކަށްވުރެ ޑޮމެސްޓިކް ދަތުރުތަކާއި ކުރު ދަތުރުތަކެވެ.

ދަތުރުފަތުރުގެ ސިނާއަތަށް މިއައި ބަދަލުގެ ސަބަބުން އިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް ފެންނާނެކަމަށް މާހިރުން ލަފާކުރެއެވެ. އެއަރލައިންތަކުގެ ތެރެއިން ދާއިރާގައި ހަރަކާތްތެރިވެވޭނީ މާލީ ގޮތުން ފޯރާ އެއަރލައިންތަކަށް އެކަނި ކަމަށް ލަފާކުރެއެވެ. އަދި ދަތުރުފަތުރުކުރުމުގައި ޓިކެޓުތަކުގެ އަގު ކަނޑައެޅުމުގެ ބާރު މަދުބަޔަކަށް ލިބޭއިރު، އާދައިގެ މީހާއަށް މުސްތަޤްބަލުގައި ކުރިން ލިބުނުހާ އަގުހެޔޮކޮށް ބައެއް ޓިކެޓުތައް ނުލިބިދާނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން އެއަރލައިންތަކަށް ކޯވިޑް-19ގެ ކުރިން ލިބެމުންދިޔަ ފައިދާއެއް އަވަސް މުސްތަޤްބަލެއްގައި ނުލިބޭނެއެވެ. ކޯވިޑް-19 ކުރިން މި ސިނާއަތް އޮތް ގޮތަށް އަލުން ރުޖޫޢަވާނީ 2023 ވަނަ އަހަރުކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.