ޚަބަރު

އަނެއްކާވެސް ކަހަނބެއް ސަލާމަތްކޮށް، ފަރުވާދިނުމަށް ކުޑަހުރާއަށް


ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް ދާއިމީ ގޮތެއްގައި ވަނީ ހިމާޔަތްކޮށްފައެވެ. މި ތަކެތި ހިމާޔަތް ކޮށްފައިވަނީވެސް ވެލާއާއި ކަހަނބަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުމަކަށް ވާތީއެވެ. މިއާ އެކީގައި ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ މަނާކަމެކެވެ.

މި ކުޑަކުޑަ ދިވެހިރާއްޖޭގެ ކަނޑުގައިވެސް އެކި ވައްތަރުގެ ވެލާ ކަހަނބު ދިރިއުޅެމުން ދެއެވެ. ބައެއް މީހުން ކަހަނބުތަކާއި ވެލާތަކަށް ގޯނާކޮށް ގެއްލުން ދެމުންދާއިރު ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކާއި ކަނޑުގެ މިފަދަ ދިރުންތަކަށް ލޯބި ކުރާ ފާރާތްތަކުން އަންނަނީ މި ތަކެތި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންނެވެ.

ވެލާ ކަހަނބު ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް އެކި ފަރާތްތަކުންކުރާ މަސައްކަތްތައް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފެނިގެންދެއެވެ. އެގޮތުން މީގެ ދެދުވަސް ކުރިން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހާނިއްކަވެފައިވާ ހޯކްސްބިލް ޓާރޓަލް ނުވަތަ ކަހަނބެއް ސަލާމަތްކޮށް، އެއަށް ފަރުވާދިނުމަށް މަސައްކަތް ފެށި މަންޒަރެވެ.

ވިލިމާލެއިން ސަލާމަތް ކުރި ވެލާގެ އަނގަ ތެރެއިން ތާރުކޮޅަކާއި ބުޅިއެއް ނަގަންޖެހުނެވެ. އަދި އެސޮރަށް ދޭން ބޭނުންވާ ފަރުވާ ދިނުމަށްޓަކައި ފޯރސީޒަން ކުޑަހުރާގައި ޤާއިމްކޮށްފައިވާ ރިހެބެލިޓޭޝަން ސެންޓަރަށް މެރިން ޕޮލިސްގެ އެހީތެރިކަމާއެކު މިހާރު ވަނީ ގެންގޮސްފައެވެ.

މި ވެލާ ސަލާމަތް ކޮށްފައިވަނީ ވިލިމާލޭގައި ހުންނަ ޑައިވް ސެންޓަރ ޑައިވަރސް ލޮޖްގެ މީހުންނެވެ. ވެލާ ފޯ ސީޒަން އަށް ގެންދިޔުމުގެ ކުރިން ވަނީ އީޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް ބަލަހައްޓާފައެވެ.

ފޯރސީޒަން ކުޑަހުރާގައި ޤާއިމްކޮށްފައިވާ ރިހެބެލިޓޭޝަން ސެންޓަރުން މީގެ ކުރިންވެސް ވަނީ މިފަދަ ގޮތަކަށް ގެއްލުން ލިބިފައިވާ ވެލާ ކަހަނބުތަކަށް ފަރުވާ ދިނުމަށްފަހު ކަނޑަށް ދޫކޮށްލާފައެވެ. އެގޮތުން ފިޔަގަނޑު ބިންދައިގެންގޮސް އެކިކަހަލަ ހާނީއްކަތައް ވެފައި އޮތް ވެލައަކަށްވެސް އެސެންޓަރުގައި ވަނީ ފަރުވާދީ ދޫކޮށްލާފައެވެ.