ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް ސީއެންއެންއާއެކު ހާއްސަ ކެމްޕެއިނެއް ފަށައިފި


ރާއްޖެ އިޝްތިހާރުކުރުމުގެ ބައިނަލްއަޤްވާމީ ކެންޕެއިނެއް އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވޯކް، ސީއެންއެންއާއެކު މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިން ކުރިއަށްދާނީ 3 މަހަށް ކަމަށެވެ. އަދި ކެމްޕެއިންގެ ފުރަތަމަ ބައި ކުރިއަށްދާނީ ސީއެންއެންގެ މޫސުމުމާ ބެހޭ ސެގްމެންޓުގައިކަމަށެވެ. އެ ގަޑީގައި "ފައިވް ރީޒަން ޓު އިންސްޓާ ލަވް މޯލްޑިވްސް"ގެ ނަމުގައި ކެމްޕޭނެއް ފެނިގެންދާނެކަމަށް އެމްއެމްޕީއާރުސީއިން މައުލޫމަތުދެއެވެ. މިކެމްޕެއިންގައި ރާއްޖެއިން ލިބޭ ތަފާތު ހިދުމަތްތަކާއި، ފާހަގަކުރެވޭ ކަންކަމުގެ އިތުރުން އެހެނިހެން ވާހަކަތައް ގެނެސްދޭނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިނުގައި ބޭނުންކުރާނީ ދިވެހިންނާއި ބޭރުގެ މަޝްހޫރު ފަރާތްތައް ކަމަށެވެ. އަދި އެފަރާތްތަކުގެ ތަޖުރިބާތައް މިސެގްމަންޓުތައް މެދުވެރިކޮށް ގެނެސްދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ކެމްޕޭންގެ ދަށުން ދަތުރު ކުރަން މަންޒިލެއް ހޯދާ މީހުންނަށް "ރީޑިސްކަވާ މޯލްޑިވްސް"ގެ ދަށުން މައުލޫމާތު ގެނެސްދޭނެ ކަމަށެވެ. އަދި ރާއްޖެެއަކީ ޖަޒީރާ ޤައުމެއްކަމުން، މިއީ ފަތުރުވެރިންނަށް އެކަހެރިކަމާއި ރައްކާތެރިކަމާއެކު ވަގުތު ހޭދަކުރަން އެންމެ އެކަށީގެންވާ މަންޒިލެއްކަން ބުނެދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ކޯވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުކޮށް، ފަތުރުވެރިކަން ހުއްޓިފައި އޮތް ދަނޑިވަޅުގައި އެމްއެމްޕީއާރުސީން ދިޔައީ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން އޮންލައިން ފެއަރތަކާއި ވެބިނަރތަކުގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.