ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލުނުކޮށް، ހަމަޖެހިގެން ތިބެވޭކަށް ނެތް - ރައީސް


ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލުނުކޮށް، ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"ގެވެށި ގުޅުން" ކެމްޕެއިން އިފްތިތާޙު ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ދެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވީ ގެވެށި އަނިޔާއަކީ، ކަންބޮޑުވާ މިންވަރަކަށް ދިވެހި މުޖުތަމަޢުގައި ޒަމާނުއްސުރެ އަށަގަނެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަަށެވެ.

ރައީސް ވިދާޅުވީ މިއީ ޢާއިލާތައް ހަލާކުވެ، އުފާވެރި ޖީލުތަކެއް ބިނާކުރުމަށް ހުރަސްއަޅާ މައިގަނޑު އެއް މައްސަލަކަަމަށާއި ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެނުން ކަމަށްވާއިރު، އަނިޔާ ލިބޭ އަންހެނުންގެ ޢަދަދު ގިނަވުމަކީ، މުޅި މުޖުތަމަޢަށްވެސް ލިބޭ ބޮޑު ގެއްލުމެއްކަމަށެވެ.

ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހެއްކަން ތަފާސްހިސާބުތަކުން އެނގެން އޮތްއިރު ގެވެށި އަނިޔާއާ ޖިންސީ ފުރައްސާރައިގެ މައްސަލައަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުންދާ، ފަނާކުރަނިވި މައްސަލައެއްކަމަށެވެ. މީގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ގިނަ މައްސަލަތަކެއް މެދުވެރިވާން ދިމާވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި މައްސަލަ ޙައްލުކުރުމުގައި އަޅުގަނޑުމެންގެ މުޅި ދައުލަތް، ޒަމާންތަކެއް ވަންދެން އޮތީ ނުކުޅެދިފައި. މިއީ، އަޅުގަނޑުމެން އެންމެންވެސް މިކަމުގައި ޒިންމާ ނަގަންޖެހޭ ބޮޑު މައްސަލައެއް. އަދި، މިކަން ޙައްލުނުކޮށް، އަޅުގަނޑުމެންނަށް މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވޭކަށްނެތް. އަދި، ޤައުމެއްގެ ގޮތުގައި ހަމަޖެހިގެން ތިބެވޭކަށްވެސް ނެތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުޖުތަމަޢަށް ކުރިމަތިވެފައިވާ މި ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން މި ފެށި މަސައްކަތަކީ، ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތްއްކަމަށާއި މި ކެމްޕެއިންގެ މަޤްޞަދަކީ، މިފަދަ މައްސަލަތައް އިތުރުވުން ހުއްޓުވައި، މައްސަލަތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުންކަމަށްވާއިރު، ކެމްޕެއިންގެ ހެޔޮ އަސަރު މުޅި ޤައުމުން ފެނިގެން ދިޔުމަކީ ސަރުކާރުގެ އުއްމީދުކަމުގައި ރައީސް ވިދާޅުވިއެވެ. މި ނުރައްކަލުން ސަލާމަތްވުމަށް ކުރާ މަސައްކަތް ޙަޤީޤަތަކަށް ހެދޭނީ، ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމަށެވެ.

"ޚާއްޞަ ގޮތެއްގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން މިކަމުގެ މުހިއްމުކަން ދެނެގަނެ، ގަދައަޅައި މަސައްކަތް ކުރަންޖެހޭ. އަދި ހަމައެއާއެކު، އަމިއްލަ ފަރުދުންގެ ބައިވެރިވުންވެސް މިކަމުގައި ފުރިހަމައަށް އޮންނަންޖެހޭ. އެހެންކަމުން، މިދެންނެވި ހުރިހާ ފަރާތްތަކުގެ އެހީތެރިކަން މި ކެމްޕެއިނަށް ފޯރުކޮށްދެއްވުމަށް، އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު މި ފުރުޞަތުގައި އެދެން" ރައިސް ވިދާޅުވިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާއި ޢަދުލު އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާކުރަމުންދާކަމަށާއި އެގޮތުން ޤާނޫނުތަކަށް އިސްލާހު ގެނައުމާއި އައު ޤާނޫތައް ގެނެސް ގިނަ މިހާތަނަށް ކުރެވުނު މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރަ ތަޙައްމަލު ކުރަންޖެހޭ މީހުން، އެ މައްސަލަތައް ރިޕޯޓް ކުރުމަކީ، މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ލިބޭ ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެވެށި އަނިޔާއާ ޖިންސީ އަނިޔާއާ ގުޅިގެން އަޑު އުފުލަމުންދާ ޒުވާނުންގެ މަސައްކަތްތަކުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ހިތްވަރު ލިބޭކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ، ދިވެހި މުޖުތަމަޢުގައި އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަމަށް ވީހިނދު، ޖުމްލަ ގޮތެއްގައި އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލަކީ އަންހެނުން ބާރުވެރިކުރުވުން. "ނޫނެކޭ" ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެއްކަމަށާއި އެއްވެސް މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަތުމަކީ، އަނެކާއަށް އޮތް ޙައްޤެއް ނޫންކަމާއި އަދި، އެފަދަ ޢަމަލެއް ހިންގާ އެއްވެސް މީހަކު، އިންސާފުގެ ކުރިމަތީގައި އިސްތިސްނާ ވެގެންނުވާނެކަމަށް ރައިސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖް ނިންމަވާލެއްވީ ފަޚުރުވެރި ޢާއިލާތަކެއް ބިނާކުރުމަށް ސަރުކާރުންވީ ވަޢުދު ހަނދާނެއް ނުނެތޭކަމަށް ވިދާޅުވެ ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ޙައްޤާއި، ފުރުޞަތާއި، ހިތްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭ، އަދި އެ ޙައްޤު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވާޖިބުކަން ހާމަކުރައްވަމުނެވެ.