ކޯވިޑް-19

ސޮނެވާފުށީގައި މަސައްކަތްކުރާ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ބ. އަތޮޅު ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރިޒޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު، ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގިފައި ވަނީ ރިސޯޓުގެ މުވައްޒަފުން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ތެރެއިން ކަމަށެވެ. އަދި އޭނާގެ ކިބައިގައި އެއްވެސް އަލާމާތެއް ނެތްކަމަށާއި، އެމުވައްޒަފު މިހާރުވަނީ އެކަހެރި ކުރެވިފައި ކަމުގައިވެސް ސޮނޭވާއިން ބުނެފައިވެއެވެ.

އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މުވައްޒަފަކީ، ފަތުރުވެރިންނާއި އަދި އެހެން މުވައްޒަފުންނާއިވެސް ދިމާވެފައިވާ މުވައްޒަފެއް ނޫންކަމަށާއި، އޭނާގެ ޓެސްޓް ޕޮޒިޓިވްވުމާއި ގުޅިގެން ދެވަނަ ސާމްޕަލެއް ނަގައި ޓެސްޓްކުރަން ފޮނުވިފައިވާ ކަމަށާއި އަދި ނަތީޖާ ނުލިބޭ ކަމުގައި، އެރިޒޯޓުން ވަނީ ބުނެފައެވެ.

އެރިސޯޓްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ބުނީ ޕޮޒިޓިވްވި މީހާއަކީ އެރިސޯޓްގެ ފިހާރައިގައި މަސައްކަތްކުރާ ބ.މާޅޮހަށް ނިސްބަތްވާ މީހެއްކަމަށެވެ.

ޕޮޒިޓިވްވި މީހާގެ ސާމްޕަލް ނަގައިގެން، ޓެސްޓް ހަދާފައި ވަނީ މާފަރު އިންޓަރނޭޝަލް އެއާޕޯޓުގައި ސޮނޭވާގެ ޚަރަދުގައި ގާއިމްކޮށްފައިވާ ސެންޓަރުގައެވެ.

ފަތުރުވެރިން ގެނައުމަށް ސޮނެވާފުށި ތައްޔާރު ކުރުމުގެ ގޮތުން އެރަށަށް މީހުން އަރައިފޭބުން ވަނީ މީގެ ދެހަފްތާކުރިން މަނާކޮށްފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޯވިޑް-19ގެ ކޭސްތައް ފެންނަން ފަށާފައި ވަނީ، ރިޒޯޓުތަކުން ނަމަވެސް ރިޒޯޓުތައް ބަންދުކުރިފަހުން ރިޒޯޓަކުން ކޭސްއެއް ނުފެންނަތާ2 މަސްދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިން ރާއްޖެއަށް އައުމަށް ފުރުޞަތު ދީފައިވާއިރު، މިއަދު ހެނދުނު އައި ފްލައިޓުން ސޮނޭވާއަށް ފަތުރުވެރިން އައިކަމުގެ މައުލޫމާތު ލިބިފައިވެއެވެ.