ކޯވިޑް-19

ކޯވިޑް-19 : 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ


ރައްޖޭގައި ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ ޢުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މިއީ ރާއްޖޭގައި މި ބަލީގައި ނިޔާވި 14 ވަނަ މީހާއެވެ. 79 އަހަރުގެ މި އަންހެން މިހާ ނިޔާވީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު 05:05 ގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވެއެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މިހާތަނަށް 14 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 6 ބިދޭސީންނެވެ. ނިޔާވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 5 މީހަކާއި ޕިލިޕީންސްގެ ރައްޔިތެކެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 2762އަށް އަރާފައެވެ. ނަމަވެސް މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 444 މީހުންނެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2290 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.