ކޯވިޑް-19

ކޯވިޑް-19 : ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ މިންވަރު ބަލަން ފަށައިފި


ޢާންމުން އެއްވެ އުޅޭ ތަންތަނުގައި ކޯވިޑް-19ގެ ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ޚާއްސަ އިންސްޕެކްޝަނެއް މިއަދު ފަށައިފިއެވެ.

މި އިންސްޕެކްޝަނަކީ އެޗް.ޕީ.އޭ އާއި، އެމް.އެފް.ޑީ.އޭއާއި އިކޮނޮމިކް މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލާއި، ވެމްކޯގެ އިތުރުން ފުލުހުންނާއި، އެމް.އާރް.ސީ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ. މި އިންސްކެޕްޝަނުގައި މާލެ ސަރަހައްދުގައި ހިންގާ ކާބޯތަކެތި ވިއްކާ ތަންތަނާއި، ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކާއި ޖިމްތަކާއި، ސެލޫންތަކާއި މާރުކޭޓްތައް ބަލައި ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ތަންތަން ހިންގުމަށް ނަގަންޖެހޭ ހުއްދަ ނަގާފައި އޮތްތޯ ބެލުމާއި، އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ހުރިތޯ ބަލާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.

މާލޭގެ އިތުރުން ވިލިމާލެއާއި، ހުޅުމާލެއާއި، ތިލަފުށީގައި މި އިންސްޕެކްޝަން ކުރިއަށްދާނެކަމަށާއި، އެ ސަރަހައްދުތައް ބްލޮކްތަކަކަށް ބަހާލާ ތަންތަނުގެ ޙާލަތު 1 ދުވަހުން ބަލާ ނިންމާލެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައި ވެއެވެ. މި އިންސްޕެކްޝަންގައި ފިޔަވަޅުއަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅުއަޅަމުން ގެންދާނެކަމަށާއި، އެގޮތުން ހުއްދަނެތި ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަން ފާހަގަކޮށް އެތަންތަނަށް ފިޔަވަޅު އަޅާނެކަމަށް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންވެސް ވިދާޅުވެފައިވެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމު ޙިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މި ބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މިގޮތަށް އެފަދަ ތަންތަނުން ޚިދުމަތް ފޯރުކޮށްދޭން ވާނީ ކޯވިޑް-19 އާއި ގުޅިގެން އެ އެޖެންސީ ޢާއްމުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށްކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެފައިވެއެވެ.