ޚަބަރު

ކޯވިޑް-19ގެ ނުރައްކާ ބޮޑުވަނީ، ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރޭ


ކޯވިޑް-19 ނުރައްކާ ބޮޑުކަމަށާއި މިހާރުން މިހާރަށް ރައްޔިތުން މިކަމަށް ސަމާލުވެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ގޮވާލައްވައިފިއެވެ. އެޗްއީއޯސީއިން ވަނީ މިހާރު އޮތް ޙާލަތުން އަލުން ފުރަބަންދުވާންޖެހޭ ހާލަތެއް ނެތްކަމުގައި ވީނަމަވެސް ކްލަސްޓާރ ތަކާއި ގުޅުން ނެތް ކޭސްތައް ގިނަވުމަކީ ބަލި ކޮންޓްރޯލްކުރުމަށް އެޅިފައިވާ ހުރަހެއްކަމަށް ވިދާޅުވެފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އާންމު ޙާލަތަކަށް ރުޖޫޢަވުމަށް މަސައްކަތްކުރަމުންދާއިރު ރައްޔިތުންގެ ޙަރަކާތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅިން މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ސީރިއަސްކަން ހާމަނުވާކަމަށެވެ. އެގޮތުން އޮފީހަށް ދިއުމާއި ފިހާރަ އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަށް ގޮސް އުޅޭ މީހުން މާސްކް ނޭޅުމާއި އިޖުތިމާޢީ ގައިދުރުކަން ނުހިފެހެއްޓުމުގެ ސަބަބުން މިހާރު ފެންނަ ކޭސްތަކުގެ ކޮންޓެކްޓް ބަބުލް ނުވަތަ ދިމާވެފައިވާ މީހުންގެ ނިސްބަތްވެސް އިތުރުވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވަނީ ކޮންޓެކްޓް ޓްރޭސްކުރުމަށް ބޭންކުރާ ޓްރޭސްއެކީ އެޕްލިކޭޝަން ބޭނުންކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ބަލީގެ އަލާމާތްތައް ފެނި ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވްވާ މީހުން އަންގާފައިވާ މުއްދަތު ފުރިހަމަ ނުކޮށް އޮފީހަށް ނުވަތަ އާންމު ދިރިއުޅުމަށް ރުޖޫޢަވާ ރުޖޫޢަވުމަކީ ގޯހެއްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިފަދަ ނަތީޖާ ލިބޭ ފަރާތްތަކާއި އެފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތައްވެސް އަމިއްލައަށް ކަރަންޓީންވެ 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހޭކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުގައި އޮފީސްތަކާއި މުއައްސަސާތަކުގެ ވެރިން ޒިންމާދާރުވުމަށް އެޗްއީއޯސީގެ ތަރުޖަމާނު ގޮވާލެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަ ބައެއް ކޭސްތަކުގައި ފާހަގަކުރެވޭ މިސާލަކަށް އަލާމަތް ފެންނަތަނުން ފްލޫ ކްލިނިކަށް އައިސް ޓެސްޓްކުރޭ. އެކަމު އެ ހިސާބުން އެބަ ކޭސް ނެގެޓިވްވޭ. އެހެންނަމަވެސް ނަތީޖާ އަސްލު 14 ދުވަހުގެ ތެރޭ ޕޮޒިޓިވް ވެދާނެ. އެހެންކަމުން 14 ދުވަހު މަޑުކުރަންޖެހޭ އާންމު ދިރިއުޅުމަށް ރުޖޫޢަވާން. އަދި މިކަންކަމުގައި އޮފީސްތަކުގެ ވެރިންވެސް ސަމާލުވާންޖެހޭ" ޑރ. ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ރާއްޖެ އަލުން ފުރަބަންދަކަށް ދާން ޖެހިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްކަވަމުން، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް, ޓެގްގެ ހެޑް ޑރ. ޢަލީ ލަޠީފް ވިދާޅުވީ، މިހާރު އޮތް ހާލަތުން އަދި އެފަދަ މަންޒަރެއް ނުފެންނަކަމަށެވެ. އެގޮތުން މިކަމުގައި ބަލާ ބައެއް މިންގަނޑުތައް ޑރ. އަލީ ލަތީފް ތަފްސީލްކޮށްދެއްވިއެވެ. ޑޮކްޓަރ ވިދާޅުވީ ބައެއް އިންޑިކޭޓަރސްތަކުގެ ހާލަތު ލެވެލްއެކަކަށްވުރެ މާދަށުގައިވާއިރު، އިންޑިޕެންޑެންޓް ކޭސްތައް އިތުރުވުމަކީ ރައްޔިތުން ސަމާލުވެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމެއްކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ބައެއް އިންޑިކޭޓަރސްތައް ލެވަލް އެކަކަށްވުރެވެސް މާ ދަށުގައިވާތަން. މިއީ ރަނގަޅު ނިޝާނެއް. އެހެންނަމަވެސް ބައެއް ކަންކަން މިސާލަކަށް ކޮންޓެކްޓް ބަބްލް ބޮޑުވުމާއި އިންޑިޕެންޑެންޓް ކޭސްތައް އިތުރުވުމަކީ ނުރައްކަލެއް. މިކަމުން އަރައިގަތުމަށް ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރަންޖެހޭ" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް ވަނީ މިހާރަކަށް އައިސް އެޑްމިޓްކުރަންޖެހޭ ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ޒުވާނުންނަކީ ހަކުރު ބަލިފަދަ ގައިން ގަޔަށް ނާރާ ދިގުމުއްތަކަށް ބޭސްކުރަންޖެހޭ ފަދަ ބަލިތައް ގިނަ ބައެއްކަން ފާހަގަކުރައްވާ ޑރ. އަލީ ލަތީފް ވަނީ ސަލާމަތީ މިންގަނޑުތައް ދޫކޮށްނުލެއްވުމަށް ގޮވާލައްވާފައެވެ.