ތިމާވެށި

ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ


ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ، ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭން ޝައުގުވެރިވާ އާންމު ފަރުދުންނާއި، ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ވިޔަފާރިތަކަށް އަދި ހދ. އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި ބީލަންތައް ހުޅުވުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށާއި، ބީލަމުގައި ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ ކޭލަކުނު ބެލެހެއްޓުން ވަގުތީގޮތުން ހަވާލު ކުރުމަށް ނިންމާފައި ވަނީ 6 މަސް ދުވަހަށެވެ. އެ ރަށަކީ ވަގުތީގޮތުން ބެލެހެއްޓުމަށް ހދ. އަތޮޅު ކައުންސިލަށް ޙަވާލުކޮށްފައިވާ ރަށަކަށް ވާތީ، ސަރުކާރު ބޭނުމަށް ރަށް ސަރުކާރަށް ނަގަން ނިންމައިފިނަމަ އެކަން ރަށް ޙަވާލުކުރާ ފަރާތަށް އެންގޭނެކަމަށް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ. އަދި 6 މަސް ދުވަހުގެ މުއްދަތު ހަމަވާއިރު ސަރުކާރަށް ރަށް ނުނަގައިފިނަމަ ދެފަރާތް އެއްބަސް ވާގޮތުގެ މަތީން އެރަށުގައި ކުރަމުންދާ މަސައްކަތަށް ބަލައި އެއްބަސްވުން އާކުރެވޭނެ ކަމަށާއި، މިގޮތަށް އެއްބަސްވުން އާކުރެވޭނީވެސް ގިނަވެގެން 6 މަސް ދުވަހަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

ފަޅުރަށްރަށާބެހޭ ޤަވާޢިދާއި އެއްގޮތަށް ކޭލަކުނު ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފައި ވާއިރު، އެ ރަށުން ރޯދަރު، ލަކުޑިއަށް ހިމެނޭ ބާވަތްތަކުގެގަސް އަދި ރުއް ކެނޑުމަކީ މަނާކަމެކެވެ. އަދި ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި، ނެގުމާއި ވިއްކުމަކީ މަނާކަމެއްކަމަށާއި، ރަށުގެ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް ކޮއްގެން ނުވާނެކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން ރަށް ބަލަހައްޓާ ފަރާތުން ރަށުގެ މަގުތަކާއި، މީހުން އުޅޭ ސަރަޙައްދު ސާފުކޮށް، ހުއްދަ ނެތި ރަށަށް އަރާފަރާތްތަކާއި، ހުއްދަނޫން ކަންކަން ކުރަން އުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލަށް އަންގަންވާނެކަމަށް އެކައުންސިލުން ވިދާޅުވެއެވެ. އަދި ރަށް ޙަވާލުވާ ފަރާތުން އެރަށުގައި އާންމުދަނީ ހޯދުމަށް ކުރާ މަސައްކަތުގެ މަޢުލޫމާތާއި، ރަށަށް އަރާ ފަރާތްތަކާއި އަރާ ބޭނުން ރިކޯޑް ބަލަހައްޓައި ކައުންސިލަށް ފޮނުވަންވާނެކަމަށްވެސް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެފައިވެއެވެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. މި ވައުދުގެ ދަށުން ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖެއްސެވީ 25 ޑިސެމްބަރު 2018 ގައެވެ.

ގުދުރަތީގޮތުން ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ކޭލަކުނުގެ ބޮޑު ބަޔަކީ ޗަސްބިމެވެ. އެ ޗަސް ބިމުގައި މާސިންގާކޮށް ހެދިފައި ހުންނަ ބާވަތެއްގެ ގަހެއް ކަމަށްވާ އަވިސެނިއާ މެރީނާ ނުވަތަ ބަރު ގަސް ގިނަ އަދަދަކަށް ހުރެއެވެ. މީގެ އިތުރުން ކަނޑުލާއި ރަނޑޫފަދަ ގަސް ވެސް އެރަށުން ފެނެއެވެ. ގާތްގަނޑަކަށް 10 ހެކްޓަރުގެ ބޮޑު ކުޅިއެއްވެސް އެރަށުގައި އޮންނައިރު، ތަފާތު ދޫނީގެ އެކި ބާވަތްތައް ކޭލަކުނުން ފެނެއެވެ. އަދި ކޭލަކުނަކީ ވެލާ ބިސް އަޅަންވެސް އަރާ ރަށެކެވެ.