ޚަބަރު

ތަފާސް ހިސާބަށް ނުބަލާތީ މަޝްރޫއުތަކުން ނަތީޖާއެއް ނުނެރެވޭފަހަރު އާދޭ: ޕްލޭނިންގ


ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި ނަތީޖާއަށް ވާޞިލުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ ތަފާސްހިސާބަށް ރިޢާޔަތްނުކޮށް މަސައްކަތް ކުރެވޭތީކަމުގައި
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢައިޝަތު ސާދު ވިދާޅުވީ ކޯވިޑް-19ގެ މިދަނޑިވަޅުގައި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ބެލެހެއްޓިފައި ވާކަމަށެވެ

ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި ހެއްކަށް ބަރޯސާވެ މަސައްކަތްކުރަންވީ މިސްރާބު ދެނެގަތުމުގައި ތަފާސްހިސާބަކީ މުހިއްމު އެއްޗެއް ނަމަވެސް ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުން އެކަށީގެންވާ ނަތީޖާ ނުފެންނަނީ ތަފާސްހިސާބަށް ބަރޯސާނުވާތީކަމުގައި މިނިސްޓްރީ އޮފް ޕްލޭނިންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢައިޝަތު ސާދު ވަނީ ވިދާޅުވެފައެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސާދު ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ހެއްކަށް ބަރޯސާވެ ރަނގަޅު މަޢުލޫމާތު ހޯދުމުގެ ތަޤާފަތެއް ރާއްޖޭގައި އަދި ނެތްކަމަށެވެ. އަދި މިއީ ރަނގަޅުކުރަން ޖެހޭކަމެއްގެ ގޮތުގައި ސާދު ވަނީ ފާހަގަކުރައްވާފައެވެ.

ސާދު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ރާއްޖެއިން ވާޞިލުވެވޭ މިންވަރު ދެނެގަތުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށާއި މިގޮތުން ކޯވިޑް-19ގެ ދަނޑިވަޅުގައި ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ބެލެހެއްޓިފައިވާކަމަށެވެ. އޭގެ ސަބަބުން ކަންކަން ނިންމުން ވަރަށް އަވަސްވެފައި ރަނގަޅު ފިޔަވަޅުތަކެއް އެޅުނުކަން ސާދު ފާހަގަކުރެއްވިއެވެ.

"ޢާއްމުކޮށް އަޅުގަނޑުމެން ގިނަފަހަރު ތަފާސްހިސާބެއް އަޅުގަނޑުމެންގެ ޕޮލިސީތައް ރޭވުމުގައާއި ކަންކަން ނިންމުމުގައި ބޭނުމެއް ނުކުރޭ. އެހެން ބޭނުންކުރުމުގެ ސަބަބުން ހަގީގަތުގައި ތަފާސްހިސާބުއެއްކޮށް ރަނގަޅު މަޢުލޫމާތު އެއްކޮށް މަސައްކަތްކުރުމުގެ ކަލްޗަރއެއް އަޅުގަނޑުމެންގެ ތެރޭގައި ނެތް. އެހެންކަމުން ހީއަށް ނުވަތަ ވަކިބަޔަކަށް ނުވަތަ ވަކި ފަރާތެއްގެ ވިސްނުމަކަށް ބައްޓަންވަނީ." މިނިސްޓްރީ އޮފް ޕްލޭނިންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢައިޝަތު ސާދު ވިދާޅުވިއެވެ.

ސާދު ވިދާޅުވީ، ރާއްޖޭގައި ގިނަ ފަހަރަށް ކަންކަން ނިމިގެން ދަނީ ތަފާސް ހިސާބުތައް ފަދަ ހެއްކަށް ބަރޯސާވެގެން ކަމުގައި ނުވާތީ ބައެއް ފަހަރު ނަތީޖާއެއް ނުނެރެވޭ ކަމަށެވެ.

މީގެ އިތުރުން ސާދު ވިދާޅުވީ ކަންކަން ކުރިއަށްގެންދެވޭ ނިސްބަތް ދެނެގަތުމަށާއި އަދި އެބައެއްގެ ތެރޭގައި އޮތް ޙާލަތު ދެނެގަތުމަށް ތަފާސްހިސާބު މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.

ތަފާސްހިސާބުގެ މުހިއްމުކަމާއި ގުޅޭ ގޮތުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ޗީފް ސްޓެޓިސްޓީޝަން ޢައިޝަތު ޝަހުދާ ވިދާޅުވީ ކޯވިޑް-19ގެ ޙާލަތުގައި ގިނަ ޢަދަދެއްގެ ދިރާސާތަކެއްކޮށް ތަފާސް ހިސާބުތައް އެއްކުރެވެމުންދާކަމަށެވެ. އަދި ހަމަ މިފަދައިން އެހެން ދާއިރާތަކާއި ގުޅުންހުރި މަޢުލޫމާތުވެސް އެއްކުރުމުގެ މުހިއްމުކަން ޝަހުދާ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އާއި ގުޅިގެން ބަލީގެ އަސަރުކޮށްފައިވާ މީހުންނާއި މީހުންގެ ދިރިއުޅުމާއި ހާލަތައް އަންނަ ބަދަލުތަކާއި ބަލިޖެހޭ މީހުންނާއި ބަލިން ރަނގަޅުވާ މީހުންނާއި އަދި މަރުވަމުންދާ މީހުންގެ އަދަދުތަކާއި ތަފާސް ހިސާބުތައް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބަލަހައްޓަމުންނެވެ. މިގޮތުން އިޤްތިޞާދީ ގޮތުންނާއި ސިއްޙީ ގޮތުންވެސް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް އެމްއެންޔޫއާއި އެޗްޕީއޭއާއި ޔޫއެން ވިމެންގެ ފަރާތުން އަންނަނީ ދިރާސާތައް ކުރަމުންނެވެ.