ކުޅިވަރު

މާޒިޔާއިން ނިޒާމްބެ އާއި މޯހަންއާ މަޝްވަރާކުރަނީ


ކުރިއަށް އޮތް ސީޒަނުގައި މާޒިޔާއަށް ކޯޗުކޮށްދިނުމަށް ދިވެހި ދެ ކޯޗަކާއެކު މާޒިޔާއިން މަޝްވަރާތައް ފަށައިފިއެވެ.

މި ގޮތުން މާޒިއާއިން މަޝްވަރާކުރަމުންދާ ދެކޯޗުންނަކީ ޓީސީގައި ކާމިޔާބު ހޯދި ކޯޗު މުހައްމަދު ނިޒާމާއި އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އެވެ.

މާޒިޔާއިން ކޯޗަކު ހޯދުމުގެ މަސައްކަތް ފެށީ އެ ޓީމުގެ ކޯޗު މަރުޖާން ސްކުލޮވްސްކީ ކޮންޓްރެކްޓްގެ މުއްދަތުހަމަކޮށް އެނބުރި ގައުމަށް ދާން ބޭނުންވުމުންނެވެ.

މާޒިޔާއިން ވާހަކަ ދައްކަމުން އަންނަ ދެ ކޯޗުންގެ ތެރެއިން މުހައްމަދު ނިޒާމް ވަނީ ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރު ހޯދައިފައެވެ. އަދި ޓީސީ އަށް ދިވެހި ޕްރެމިއާ ލީގާއި ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ކަޕް ވެސް ކާމިޔާބުކޮށްދީފައެވެ.

ވެލެންސިއާ އާއި ނިއުއަށް ކޯޗުކޮށްދިން މުހައްމަދު ޝިޔާޒް ވަނީ އީގަލްސްގައި ރަނގަޅު މަސައްކަތްތަކެއްކޮށްފައެވެ. އޭއެފްސީ ޕްރޯ ލައިސަންސް ދާދި ފަހުން ހޯދި ކޯޗު ވަނީ ނިއުއަށް 2012 ވަނަ އަހަރު ޕްރެމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފައެވެ.