ޚަބަރު

ކޯވިޑް-19އާ ގުޅޭ އިންސްޕެކްޝަންއެއް: ރަނގަޅު ތަންތަނަށް ސްޓިކަރއެއް ދެނީ


ޢާންމުން އެއްވެ އުޅޭ ތަންތަނުގައި ކޯވިޑް-19ގެ ޙާލަތުގައި އަޅަންޖެހެ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ބޮޑު އިންސްޕެކްޝަނެއް ފަށަން ނިންމަވައިފިއެވެ.

މި އިންސްޕެކްޝަނަކީ އެޗްޕީއޭއާއި އެމްއެފްޑީއޭއާއި އިކޮނޮމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލާއި ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްއާރްސީ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.

މިމަހުގެ 12ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަންގެ މަޢުލޫމާތު ޙިއްސާކުރަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނަސީރު ވަނީ މި އިންސްޕެކްޝަންގައި ބެލުމަށް ހަމަޖެހިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި ހިންގާ ކާބޯތަކެތި ވިއްކާ ތަންތަނާއި، ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކާއި ޖިމްތަކާއި، ސެލޫންތަކާއި މާރުކޭޓްތައްކަމަށް ވިދާޅުވެފައެވެ. އެގޮތުން މި އިންސްޕެކްޝަންގައި ތަންތަން ހިންގުމަށް ނަގަންޖެހޭ ހުއްދަ ނަގާފައި އޮތްތޯ ބެލުމާއި، އެޗްޕީއޭގެ ޤަވާޢިދުތަކަށް ޚިދުމަތުގެ ފެންވަރު ދެވޭތޯ ބަލާނެކަމަށް ނާސިރު ވިދާޅުވިއެވެ. މާލެއާއި ވިލިމާލެއާއި ހުޅުމާލެއާއި ތިލަފުށީގައި ކުރިއަށްގެންދާ މި އިންސްޕެކްޝަންގައި އެ ސަރަހައްދުތައް ބްލޮކްތަކަކަށް ބަހާލާ ތަންތަނުގެ ޙާލަތު 1 ދުވަހުން ބަލާ ނިންމާލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކާބޯތަކެތި ވިއްކާ ތަންތަނުގައި ހުއްދަ ހުރިތޯއާއި، ކުނި މެނޭޖްކުރާ ގޮތާއި، ސްޓާފުންނާއި ކަސްޓަމަރުންނަށް ކަނޑައަޅާފައި ހުންނަ ތަންތަން ބަލާނެ. ސެލޫންތަކުގައިވެސް އެޗްޕީއޭގެ ގައިޑްލައިން ހިފަހައްޓާތޯ ޔަޤީންކުރާނެ" އަޙްމަދު ނަސީރު ވިދާޅުވިއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފު ވަނީ، އިންސްޕެކްޝަން މިމަހުގެ 12ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މިލިބޭ މުއްދަތުގައި ހުރިހަ ފަރާތްތަކުންވެސް ތަންތަން އެކަށައަޅަންޖެހޭ މިންގަނޑުތަކަށް ފެއްތުމަށް ގޮވާލެއްވިއެވެ. ބޮޑު އިންސްޕެކްޝަނަށް ފަހުވެސް އިތުރު އިންސްޕެކްޝަން ކުރިއަށްދާނެކަން ޝަމާއު ފާހަގަކުރެއްވިއެވެ. މިއިންސްޕެކްޝަންގައި ކޮންސްޓްރަކްޝަން ސައިޓްތައް ނުހިމެނޭކަން ފާހަގަކުރައްވާ ޝަމާއު ވަނީ މިތަންތަނުގެ ޙާލަތުވެސް ސިޓީ ކައުންސިލުން ގާތުން ބަލަމުންދާކަމަށެވެ. މީގެ އިތުރުން މި އިންސްޕެކްޝަންގައި ބިދޭސީން މަސައްކަތްކުރާ ތަންތަން ބެލުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެން މިކުރިއަށް ގެންދަނީ މާސް އިންސްޕެކްޝަންއެއް. ރެންޑަމް ކޮށެއްނޫން ކުރިއަށް ގެންދަނީ. ބޮޑު ޓީމެއް މިކަމުގައި އެބައޮތް. މާރުކޭޓްތައްވެސް ބަލާނެ. މިތަންތަން ބެލުމަކީ މިޙާލަތުގައި ވަކިން މުހިންމުކަމެއް" މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޙްމާ ސަޢީދު ވިދާޅުވީ، މި އިންސްޕެކްޝަންގައި ފިޔަވަޅުއަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅުއަޅަމުން ގެންދާނެކަމަށެވެ. އެގޮތުން ހުއްދައަކާ ނުލައި ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަން ފާހަގަކޮށް އެތަންތަނަށް ފިޔަވަޅު އަޅާނެކަމަށް ރަޙްމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރުވެސް ރޭގެ 11ގެ ފަހުން ބޭރުގައި އުޅުނަސް، ޢާންމުން އެއްތަނަކަށް ގިނައިން އެއްވެ ތިއްބަސް އެކަން ނުކުރުމަށް ނަސޭހަތްތެރިވަން. މިއީ ފަރުދީ ޒިންމާއެއް. ހުއްދައަކާއި ނުލާ ދުންފަތުގެ އިސްތިއުމާލުކުރާ ތަންތަން އަޅުގަނޑުމެން ވަރަށް ގާތުން ބަލާނަން. ފިޔަވަޅު އަޅަން ޖެހިއްޖެއްޔާ އެކަންވެސް ކުރާނަން" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރަހުމާ ސަޢީދު ވިދާޅުވިއެވެ.

އެޗްޕީއޭއިން ވަނީ ކޯވިޑް-19ގެ ޙާލަތުގައި އެކަށައަޅަންޖެހެ ފިޔަވަޅުތައް އެކަށައަޅާފައިވާ މިންވަރު ބެލުމަށް ހަދާ މާސް އިންސްޕެކްޝަންގައި ބަލާނެކަމްކަމުގެ ޗެކްލިސްޓާއި މިއިންސްޕެކްޝަންގެ މަޢުލޫމާތު ހެލްތް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް ވިދާޅުވެފައެވެ.