ވިޔަފާރި

މުއްސަނދި ފަތުރުވެރިން މެދުގައި ރާއްޖޭގެ މަޤްބޫލްކަން ބޮޑު


މުއްސަނދި ފަތުރުވެރިން ޗުއްޓީއަށް ދާން އެންމެ ބޭނުންވާ މަންޒިލްތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

އިންޓަރނޭޝަނަލް ލަގްޝަރީ ޓްރެވަލް މާރކެޓް، އައި.އެލް.ޓީ.އެމްއިން ކުރިއަށްގެންދިޔަ ސަރވޭގައި 1000 ޓްރެވަލް އެޑްވައިސަރުން ބައިވެރިވެފައިވެއެވެ. މި ސަރވޭއިން އެނގުނު ގޮތުގައި މުއްސަނދިން ދަނީ މިއަހަރުވެސް ޗުއްޓީއަށް ތަންތަނަށް ދިޔުމަށް ރާވަމުންނެވެ.
އެގޮތުން މުއްސަނދިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކަކީ ރާއްޖޭގެ އިތުރުން، ގްރީސް، އިޓަލީ އަދި ކެރިބިއަންގެ ޤައުމުތަކެވެ.

ކޯވިޑ-19އާ ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓިފައިވުމުން މުއްސަނދިންގެ މެދުގައިވެސް ޗުއްޓީއަށް ތަންތަނަށް ދިޔުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެހެން ނަމަވެސް ދުނިޔޭގެ ލަކްޝަރީ ޓެރެވަލް މަރކެޓު ކުރިއަށް އޮތް އެއް އަހަރު ދުވަސްތެރޭ އިއާދަވާނެކަމަށް ސަރވޭއިން ވަނީ ހާމަވެފައެވެ.

ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 64 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުންގެ ކުލައިންޓުން ޗުއްޓީ ހޭދަކުރުމަށް ތަންތަނަށްދާން މިހާރު ބުކިން ހަދާފައިވާ ކަމަށެވެ. އަދި 50 އިންސައްތައަށްވުރެ ގިން މީހުން ބުނެފައިވަނީ އަންނަ ޑިސެމްބަރުމަހުގެ ކުރިން ޗުއްޓީއަށް އެމީހުން ފުރާނެ ކަމަށެވެ.

މަތީ ފަންތީގެ ޗުއްޓީއެއް ހޭދަކޮށްލުމަށް ދާން އެންމެ ބޭނުންވަނީ ރީތި ގޮނޑުދޮށްތައް ހިމެނޭ މަންޒިލްތަކަށާއި، ޕްރައިވެޓް ވިލާ ތަކަށާއި، ގުދުރަތީގޮތުން ރީތި މަންޒިލްތަކަށާއި، ސަޤާފީ ގޮތުން ތަފާތު ތަޖުރިބާތައް ކޮށްލެވޭނެ ފަދަ މަންޒިލްތަކަށް ކަމަށް ސަރވޭގެ ބައިވެރިން ބުނެފައިވެއެވެ.