ކުޅިވަރު

ވީއޭއާރަށްދޭނީ ދިހަޔަކުން ހަތެއް: ސްޕެނިޝް ލީގު


ރެފްރީއަށް އެހީތެރުވުމަށް ބޭނުންކުރާ ވީޑިއޯ އެސިސްޓަންޓް ރެފްރީ ނުވަތަ ވީއޭއާރުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ގިނަ ކަމަށް ސްޕެނިޝް ލީގުން ބުނެފިއެވެ.

އެލީގުގެ ރައީސް ހާވިއާ ޓަބޭސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ފުޓްބޯޅައިގައި ބޭނުންކުރާއިރު އެންމެ ފުރިހަމަ ނިންމުންތަކަށް އެންމެންވެސް ޑިމާންޑްކުރާނެ ކަމަށާއި ނަމަވެސް މިހާރު ވީއޭއާރު މަސައްކަތް ކުރަނީ ރަނގަޅު ކުރަންޖެހޭ ގިނަކަންކަން ހިމެނިގެން ކަމަށެވެ. މިހެންވެ އޭނާ ވީއޭއާރަށް ދޭނީ 10 އަކުން 7 ކަމަށެވެ. ޓަބޭސް ވިދާޅުވީ ސްޕެނިޝް ލީގުން ވީއޭއާރު ރަނގަޅު ކުރުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދޭނެ ކަމަށާއި މިއީ ފުޓްބޯޅައަށް މުހިންމު ވަސީލަތެއްކަމަށެވެ.

ޓަބޭސް މިހެން ވިދާޅުވެފައިވަނީ ވީއޭއާރުގެ މައްސަލާގައި ޗެމްޕިއަން ބާސެލޯނާއިން ވަރަށްބޮޑަށް މައްސަލަ ޖައްސާފައިވަނިކޮށެވެ. އެ ޓީމުން ބުނަނީ ވީއޭއާރު ބޭނުންކޮށްގެން ސްޕެނިޝް ލީގު ކާމިޔާބުކުރުމަށް ރެއާލް މެޑްރިޑަށް މަގުފަހިވާނެ ގިނަ ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އަދި ބާސެލޯނާއިން ދަނީ އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި ހިނގައިދިޔަ ކަންކަމާމެދު މައްސަލަ ޖެއްސުމަށްވެސް ތައްޔާރުވަމުންނެވެ.