ތިމާވެށި

ކެލާއާއި ނޭކުރެންދޫގެ ކަނޑޫފާތަށް މަރުވާން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފި


ހއ. ކެލާއާއި ހދ. ނޭކުރެންދޫގެ ކަނޑޫފާތަކަށް އާދަޔާ ޚިލާފަށް ގެއްލުންލިބި މަރުވާން މެދުވެރިވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭ ގުޅިގެންނެވެ. ހއ. ކެލާގައި ފީލްޑް އިންވެސްޓިގޭޝަންގެ މަސައްކަތްތައް އިއްޔެ ފަށާފައިވާއިރު، މި ހަފްތާ ފަހުކޮޅު ހދ. ނޭކުރެންދޫގައިވެސް ފީލްޑް އިންވެސްޓިގޭޝަންގެ މަސައްކަތް ފަށާނެކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ. މި ދިރާސާތަކުގައި ކަނޑޫފާތަށް މަރުވާން ދިމާވާ ސަބަބު ދެނެގަތުމަށްޓަކާ އެ ސަރަޙައްދުތަކުން ސާމްޕަލްތައް ނަގައި ތަޙުލީލުކުރާނެއެވެ. އަދި އެތަންތަނުގެ މާޙައުލަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ހއ. ކެލާއާއި ހދ. ނޭކުރެންދޫ ކަނޑުފަލަކީވެސް ސަރުކާރުން ޙިމާޔަތްކޮށްފައިވާ ދެ ސަރަޙައްދެވެ. ނަމަވެސް ކަނޑޫފަލުގެ ބޮޑު ސަރަހައްދަކުން ގަސްތައް ހިކި، ފަތް ފައިބައި މަރުވުމުގެ މައްސަލަ މި ދެރަށަށްވެސް ވަނީ ވަރަށް ބޮޑަށް ކުރިމަތިވާން ފަށާފައެވެ. މިކަމުގެ ސަބަބުން ރަށުގެ ގުދުރަތީ ވެއްޓާވެސް ގުޅިފައިވާ މި ކަނޑޫފާތަކުގެ ފެހިކަން ގެއްލި، ގުދުރަތީ ވެއްޓަށްވެސް ބަދަލުތައް އަންނަން ފަށާފައިވާކަމަށް އެ ދެ ރަށުގެ ކައުންސިލުންވެސް ވިދާޅުވެއެވެ. އަދި ނޭކުރެންދޫ ކަނޑޫފަލުގެ ގަސްތައް މަރުވާ ސަރަޙައްދުން މީގެކުރިން ނުފެންނަ ޒާތުގެ ފަންޏެއް ފެނިފައިވާކަމަށް އެރަށުގެ ކައުންސިލުން ވިދާޅުވެފައިވެއެވެ.

އިހުޒަމާނުގައި ދިވެހިން އާއްމު ކެއުމެއްގެ ގޮތުގައި ބޭނުންކުރި ކަނޑުލަކީ، މިހާރު ރާއްޖޭގައި ބައެއް ރަށްރަށުގައި އެއްގޮތަކަށްވެސް ނުލިބޭ ތަދު އެއްޗެކެވެ. އެކި ސަބަބުތަކާއި ހުރެ ކަނޑޫފާތައް ރާއްޖޭގައި ދަނީ ނެތެމުންނެވެ.