ވިޔަފާރި

ރާއްޖެއަށް ދަތުރުތައް ފެށުމަށް 12 އެއަރލައިނަކުން ޝެޑިއުލްކޮށްފި


މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 12 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓު، އެމްއޭސީއެލްއިން އާއްމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މިމަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. މި ފްލައިޓު އަންނާނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ޤަތަރު އެއަރވޭސްއިން ބޭނުންކުރުމަށް ނިންމާފައިވަނީ 132 ގޮނޑީގެ އޭ320 މަރުކައިގެން މަތިންދާ ބޯޓެކެވެ.

ޤަތަރު އެއަރވޭސްގެ އިތުރުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އެމިރޭޓްސްއިންނެވެ. އެގޮތުން މިމަހުގެ 16 ވަނަ ދުވަހު އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާނެއެވެ. އަދި ދުބާއީ އިން ރާއްޖެއަށް ހަފްތާއަކު 5 ދުވަހު ދަތުރުތައް ކުރާނެއެވެ.

މިމަހުގެ 18 ވަނަ ދުވަހު އިއްތިހާދު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށްވަނީ ހަމަޖެހިފައެވެ. އިއްތިހާދުން ރާއްޖެއާއި އަބޫދާބީ އާއި ދެމެދު ހަފްތާއަކު ދެ ދަތުރުކުރާނެއެވެ. އެމްއޭސީއެލުން މައުލޫމާތުދޭގޮތުގައި އަންނަމަހު 7 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ، ސްރީލަންކަން އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް، ސިލްކްއެއަރ، ހޮންގް ކޮންގް އެއަރލައިންސް، ގަލްފް އެއަރ، އިންޑިގޯ އެއަރލަންސް އަދި ބުރިޓިޝް އެއަރވޭސްއެވެ.

ސެޕްޓެމްބަރުމަހު ސްވިޓްޒަލެންޑުގެ އެޑެލްވައިސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ސުވިޓްޒަލެންޑުގެ ޒިއުރިކް އިން ސީދާ ރާއްޖެއަށެވެ. އަދި އޮކްޓޫބަރުމަހުގެ އެކަކުން ފެށިގެން ޓަރކިޝް އެއަރލައިންސްގެ ދަތުރުތައްވެސް ރާއްޖެއަށް ފަށާނެއެވެ.

އެމްއޭސީއެލުން ވިދާޅުވީ މި ޝެޑިއުލްއަށް ބަދަލުތައް އަންނަމުންދާނެ ކަމަށެވެ. އެގޮތުން އެއަރލައިންތަކުގެ އަދަދަކާއި ރާއްޖެއަށް އެއެއަރލައިންތަކުން ދަތުރުތައް ކުރާ އަދަދަށް ބަދަލުތައް އަންނާނެ ކަމަށެވެ.

ބޯޑަރު ހުޅުވާލާ ހިސާބުން ފެށިގެން އޯގަސްޓުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޝެޑިއުލް ފްލައިޓްތަކަށް ދެވޭ އެކި ހިދުމަތްތަކުން ނަގާ ފީތަކަށް ވަކި މުއްދަތަކަށް އެކީގައި ކަނޑާލައި، ބޮޑެތި ޑިސްކައުންޓް ދޭން ވަނީ ނިންމާފައެވެ.

އެމްއޭސީއެލްއިން ބުނީ ފްލައިޓްތަކުން ނަގާ ގްރައުންޑް ހެންޑްލިން، ނެވިގޭޝަން އަދި ޕާކިން ފީ ޖުލައި 15 ވަނަ ދުވަހުން އޯގަސްޓުމަހުގެ ނިޔަލަށް ހިލޭ ދިނުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ތެޔޮ އަޅާނަމަ އާއްމު ރޭޓުން އަގު ނަގާނެ ކަމަށެވެ.

ސެޕްޓެމްބަރުމަހުގެ 27 އިން އޮކްޓޫބަރުގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް މިހިދުމަތްތަކުން 75 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެއެވެ. އޮކްޓޫބަރު 28 އިން އަންނަ އަހަރުގެ އޮކްޓޫބަރު 28 ގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.