ތިލަފުށްޓަކީ އެމްޕީއެލް ބަނދަރު ބަދަލުކުރަން އެކަށީގެންވާތަނެއް ނޫންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މާލޭ ކޮމާޝަލް ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ގޮވާލަމުންދާތީ، އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ކުނި ޖަމާކުރާ ތިލަފުށީ ފަޅަކީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވާ ތަނެއްކަމަށެވެ. އަދި އެފަދަ ތަނެއްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޮނުވާ ކާބޯތަކެއްޗާއި އެހެނިހެން މުދާ ބަރުކުރާ ބަނދަރެއް ޤާއިމްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ތިލަފުށްޓަކައި އެކަށީގެންވާ ތަނެއް ނޫން. ވެލި ސިމެންޓި އެކަންޏެއް ނޫން ޕޯޓަކަށް އަންނަނީއެއް. އަދި މާލެއިން ރަށްރަށަށް ޑިސްޓްރިބިއުޓްކުރުމަށް ގެންދަނީ މިބާވަތުގެ ތަކެއްޗެއް ނޫން ހަމައެކަނި. ކާބޯތަކެތިވެސް ގެންގޮސް، ގެނެސް ހަދަނީ ނޯތު ހާބަރ ސަރަޙައްދުން. ތިލަފުށްޓަކީ އެކަމަށް އެކަށީގެންވާ ތަނެއް ނޫން. ބޭރަށް ބޯޓު ކައިރި ކުރެވިދާނެ. އެކަމަކު ދެން ހުރި ކަންކަމެއް ތިލަފުށީގައެއް ނުކުރެވޭނެ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ތިލަފުށްޓަކީ އިންޑަސްޓްރިއަލް ބައެއް ކަހަލަ މަސައްކަތްތައް ކުރާ ތަނެއްގެ ގޮތުގައި ބޭއްވުންކަމަށެވެ.
"މާލެ އޮންނާނެ އެތައް ޖީލެއް ވަންދެން. ކުނިވެސް އުފައްދާނެ. އެހެންވީމަ ކުނި ޑިސްޕޯސްވާނެ ތަނެއް އޮންނަންޖެހޭނެ. އެތަން މާލެ ސަރަޙައްދުގައި އޮންނަން ޖެހޭނެ. ތިލަފުށި އެކަމަށް ބޭނުންކުރަންޖެހޭ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ތިލަފުށްޓަށް ބަނދަރު ބަދަލުނުކޮށް ގުޅިފަޅަށް ބަނދަރު ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވީ ގުޅިފަޅަށް ބަނދަރުކުރަން ނިންމީ އެއީ އެކަމަށް އެންމެ އެކަށީގެންވާ ތަނަކަށްވާތީކަމަށެވެ. އަދި އެއީ ހަމައެކަނި ބަނދަރެއް ނޫންކަމަށާއި މާލޭ ނޯތު ހާބަރުގައި ހިނގާ ހުރިހާ މަސައްކަތެއް ގުޅިފަޅަށް ބަދަލުވާނޭކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"މާލޭ ޕޯޓް މިބަދަލުކުރަނީ ގުޅީފަޅަށް، ހަމައެކަނި ބޯޓު ގާތްކުރާ މަގަތު ފާލަމެއް ނޫން. ޕޯޓާއެކީގައި ޕޯޓު ވަށައިގެން ހިނގާ ހުރިހާ ކަމެއް، އެއީ ނޯތު ހާބަރުގައި ހިނގާ ހުރިހާ މަސައްކަތެއް ގުޅިފަޅަށް މިބަދަލުކުރަނީ. ގުޅިފަޅުގެ އިނަރ ލެގޫންއަކީ ނޯތު ހާބަރގދ ހާބަރެއްގެ ގޮތުގައި ފަންކްޝަން ކުރަމުންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.
ގުޅިފަޅުގައި ވިޔަފާރު ބަނދަރެއް ޤާއިމްކުރުމުގެ މަސައްކަތަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމަޝްރޫޢު ހިންގުމަށް ގުޅިފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާގޮތުން ގުޅިފަޅު މަޝްރޫޢަށް 300 މިލިއަނެއްހާ ޑޮލަރު ހޭދަވާނެއެވެ. އަދި އެ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުވެގެންދާއިރު ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތް، އިންޤިލާބީ ހަރުފަތަކަށް ދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.