ޚަބަރު

ރައްޔިތުން ދަރަނިވެރިކޮށްފައި ފްލެޓް ދޭންވީ މިހާރުތިބި ހާލަތުގައި ދިރި އުޅޭކަށްނޫން: މެމްބަރު ވަހީދު


ދައުލަތުން ބޮޑެތި ލޯނުތައް ނަގައިގެން ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ފްލެޓްއަޅަން ވާނީ މިހާރު ދިރިއުޅޭ ހާލަތަށްވުރެ ރަނގަޅު ހާލަތުގައި ދިރިއުޅުމަށްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫޢާއި ގުޅޭގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ މާލޭގައި ބައެއް ރައްޔިތުން ކުޑަކުޑަ ތަންތަން ކޮޅުގައި ތިބިކަމީ ޤަބޫލުކުރާކަމެއް ކަމަށެވެ. ނަމަވެސް ދައުލަތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ބޮޑެތި ލޯނުތައް ނަގައިގެން ހަދާ ތަންތަނަކީ މިހާރު ރައްޔިތުން އުޅެމުންދާ ހާލަތަށްވުރެ ރަނގަޅު ހާލަތެއްގައި ދިރިއުޅެވޭނެ ގޮތަށް ހޯދުމަށް ހަދާތަންތަންކަމަށެވެ. ނަމަވެސް ޕީޕީއެމް ސަރުކާރުން އަޅާފައިވާ 7000 ފުލެޓަކީ ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގައި އެޅުމަށްފަހު ހަދާފައިވާ ބޭރަށް ރީތި ފްލެޓްތަކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްއިން ވެފައިވާ ވައުދުތައް ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައި ނުފުއްދުމުގެ ޕްރެޝަރު ކުރިމަތި ވަނީ މިސަރުކާރަށް ކަމަށެވެ. 2019 ވަނަ އަހަރުގެ ނިޔަލަށް 160،000 މީހުންނަށް ބޯހިޔާވަހިކަން ދޭނެމަށް ވައުދުވެ އެވައުދު ނުފުއްދިފައި ވާއިރު ޔޫތު ސިޓީއެއް ހަދާ ނިންމާނެކަމަށް ވީ ވައުދާއި އަލަތު ކައިވެންޏަކާއިއެކީ ކޮންމެ މީހަކަށް ފްލެޓެއް ދޭނެކަމަށް ވީވައުދުވެސް ފުއްދިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ދެރަވޭ އަބަދު ޕީޕީއެމްގެ ވާހަކަ ދައްކާތީވެސް. މިހާރު މާލޭގެ ބައެއް ގޭގޭގައި 500 އަކަފޫޓަށްވުރެ ކުޑަ ތަންތަނުގައި މީހުން އެބައުޅޭ. ބޯހިޔާވަހިކަން ދައުލަތުން ބޮޑެތި ލޯނުނަގައިގެން ދެނީ އެޔަށްވުރެ ލުއިގޮތްތަކެއް ހޯދަން. އެޔައްވުރެ ދަތި ގޮތްތަކެއް ހޯދާކަށްނޫން. ކޮންމެ ކަމެއް ކޮށްފައިވަނީ އެގޮތަށް، ބްރިޖާއި، އެނޫންތަންތަނަށް ބެލިޔަސް. ދައުލަތުން މިތަންތަނުގެ ދަރަންޏަށް ރައްޔިތުންގެ އެތައް ފައިސާއެއް ދައްކަން އެބަޖެހޭ" ވަހީދު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާއިރު، ރައީސް ޔާމީން ރައްޔިތުންނަށް އަޅާދީފައިވާ 7000 ފުލެޓް ހަވާލު ކުރަންވެސް ނޭގުނުކަމަށެވެ. މިއީ މިސަރުކާރުގެ ނާގާބިލްކަން ވަރަށްބޮޑަށް ހާމަވާކަމެއް ކަމަށެވެ.

"25 ބުރީގެ 16 ޓަވަރު ހުންނާނެ މިހާރު ނިމިފަ. 14 ބުރީގެ ގާތްގަޑަކަށް 12 ޓަވަރުގެ މަސައްކަތް 1350 ޔުނިޓްއެއީ މިހާރު ކުރިއަށްދާނެ. ހަމައެއާއިއެކު ކުންފުނިތަކާއި ހަވާލުކޮށްގެން 14 ބުރީގެ 12 ޓަވަރުގެ މަސައްކަތް ކުރިއަށްދާނެ. 2013 އިން 2018 އަށް އެއީ ބޯހޔާވަހިކަމުގެ މުޅިން އާޒަމާނެއް ގެނެސްދިން 5 އަހަރު. 2023 ގައި ބޯހިޔާވަހިކަމުގެ ހިއްދަތިކަމަށް ނިމުން ގެންނާނަން" ސައީދު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ކުރަމުންދިޔަ އިރު ހައުސިން މިނިސްޓަރ ވަނީ މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތައް މިމަހުގެ ފަހުކޮޅުން ފެށިގެން އިއުލާނު ކުރަން ފައްޓަވާނެކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިޔާ ފްލެޓްތައް ލިބޭ ހުރިހާ ފަރާތްތަކެއް އިއުލާނުކޮށް ނިމޭނެ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.