ވިޔަފާރި

އިނގިރޭސިވިލާތުން ލުއި ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިނުވާތީ ފަތުރުވެރިންގެ ފާޑުކިޔުން


ކޯވިޑް-19އާ ގުޅިގެން، އިނގިރޭސިވިލާތުން ލުއި ދިން ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިނުވާތީ ފަތުރުވެރިންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުން އެކި ޤައުމުތަކަށް ދަތުރުކުރުމާއި ގުޅޭގޮތުން އެޤައުމުގެ ސަރުކާރުން އާއްމުކޮށްފައިވާ އުސޫލުގައި 67 ޤައުމަކަށް ދަތުރުކުރެވޭނެއެވެ. އަދި 59 ޤައުމަކަށް ދަތުރުކުރުމުގައި ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން ލުއި ދިން ޤައުމުތަކަށް ދަތުރުކުރުމަށްފަހު އަނބުރާ އިނގިރޭސިވިލާތަށް ދިއުމުން ކަރަންޓީން ވާކަށް ނުޖެހެއެވެ. ނަމަވެސް ލުއިދިން ލިސްޓްގައި ނުހިމެނޭ ޤައުމުތަކަށް ދަތުރުކޮށްފައި އަނބުރާ އައިސް ޤައުމުގައި 14 ދުވަހަށް ކަރަންޓީން ވާންޖެހެއެވެ.

ލުއިދިން ލިސްޓުގައި ރާއްޖެ ހިމެނިފައިނުވާތީ، ރާއްޖެ އަންނަ އިނގިރޭސި ފަތުރުވެރިން އަނބުރާ ޤައުމަށް ގޮސް ކަަަރަންޓީންވާންޖެހޭނެއެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ކާރޮލް ރޮސްލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވަނީ އެ ގައުމުން ކަނޑައަޅާފައިވާ މިންގަޑަށް ނުފެތޭތީ ކަމަށެވެ. ހަމަ އެ ބަޔާނުގައި ރާއްޖެއިން ކޯވިޑް19އާ ދެކޮޅަށް ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއްކަމަށާއި ކޯވިޑަށް ޕޮޒިޓިވްވި ފަތުރުވެރިންނާއިމެދު ސަރުކާރުން ކަންކަން ބެލެހެއްޓިގޮތްވެސް ރަނގަޅުކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ރާއްޖެއިން ނުފެތެނީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ކޮން މިންގަނޑަކަށްކަމެއް ބަޔާނުގައި ބުނެފައެއް ނުވެއެވެ.

އިނގިރޭސި ހައިކޮމިޝަނަރުގެ ބަޔާނުގައި ވަރަށް އަވަހަށް އިނގިރޭސިވިލާތުން ކަނޑައަޅާ މިންގަނޑުތަކަށް ރާއްޖެ ފެތޭނެކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިން ދަތުރުކުރުމަށް ލުއި ދިން ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި ނުވާތީ އެޤައުމުގެ ފަތުރުވެރިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ރާއްޖެއިން ކޯވިޑްއާ ދެކޮޅަށް ބޮޑު ކާމިޔަބީއެއް ހޯދާފައިވާއިރު، އަދި މަރުވި މީހުންގެ އަދަދުވެސް ވަރަށް މަދުއިރު، ރާއްޖެއަށް ލުއި ނުދިނީ ކީއްވެތޯ ފަތުރުވެރިން ވަނީ ސުވާލުކޮށްފައެވެ. އަދި ރާއްޖެއިން އިނގިރޭސިވިލާތުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރަށް އޮތްކަންވެސް ބައެއް ފަތުރުވެރިން ވަނީ ފާހަގަކޮށްފައެވެ.

އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަޤްބޫލް މަންޒިލަކަށްވާއިރު، ކޯވިޑްއަށްފަހު އިނގިރޭސިވިލާތުގެ ފަތުރުވެރިން އެންމެ ޒިޔާރަތްކުރަން ބޭނުންވަނީ ރާއްޖެއަށްކަމަށް މިދިޔަމަހު ކުރިއަށްގެންދިޔަ ދިރާސާއަކުން ވަނީ ދައްކާފައެވެ.

ނަމަވެސް އިނގިރޭސިވިލާތުން ލުއި ދިން ގައުމުތަލުގެ ތެރޭގައި ރާއްޖެ ހިމެނިފައި ނުވާތީ އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިއުމަކީ އެކަށީގެންވާކަމެކެވެ. އެއީ ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަކުރާ ޖަޒީރާ ޤައުމުތައްކަމަށްވާ މޮރިޝަސް އަދި ސީޝެލްސްއަށް އިނގިރޭސިވިލާތުން ލުއި ދިނުމުން، އިނގިރޭސި ފަތުރުވެރިން އެޤައުމުތަކަށް ދިއުމުގެ ފުރުޞަތު ބޮޑުވުމުންނެވެ.