ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އެކަމަށް ބޭނުންވާ ހުރިހާ ސާމާނެ ލިބި ޕީސީއާރު ޓެސްޓް ހަދަން ފަށާފައިވާކަމަށެވެ.
އެހޮސްޕިޓަލުގައި ބަހައްޓާފައިވާ މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ކުރެވޭނެކަމަށް އެ ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވި އެވެ. މިއީ އަތޮޅުތެރޭގައި ކޮވިޑް-19 ޓެސްޓްކުރެވޭނެ އިންތިޒާމު ގާއިމްކޮށް ހިދުމަތް ދޭން ފެށި ދެވަނަ ހޮސްޕިޓަލެވެ.
މެނޭޖަރ ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތްކޮށް، އޮންލައިންކޮށް އިތުރު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މިއީ މިސަރަހައްދުން ޞިއްޙީ ޚިދުމަތް ލިބިގަންނަ މީހުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް އުއްމީދު ކުރައްވާކަމުގައި މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތަނުގައި މިމެޝިނަށް ފެންވަރު ރަގަޅު ކާރޓްރިޖް ލިބޭނެކަމަށާއި، މިކާރޓްދިޖުން މެޝިނުގެ ޙާލަތާއި ފެންވަރު ދެނެގަނެވޭނެ ކަމަށެވެ.
ކޮވިޑް ޓެސްޓް ކުރަމުންދާއިރު އެކަށީގެންވާ މިންވަރަށް އަދި މުއައްޒަފުން ނެތްކަމަށާއި، ކުރިއަށް އޮތްތާންގައި އިތުރު މުވައްޒަފުން ތަމްރީނުކުރާނެކަމަށްވެސް އަޙްމަދު ދާއޫދު ވިދާލުވިއެވެ. ކޮވިޑް-19 ގެ ޓެސްޓް ތަމްރީނު ކުރުމުގައި ކޭއާރުއެޗުގައި މަސައް ކުރައްވާނެ ލެބް ޓެކްނޮލޮޖިސްޓެއް ދެމުއަޒަފުން ވަނީ އައިޖީއެމްއެޗުގައި ތަމްރީނު ކޮށްފައެވެ.
ޑަބްލިއު އެޗްއޯއިން ފަންޑް ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. މިލެބްގެ މަސައްކަތް ޖޫން ހަތަރެއްގައި ނިމިފައއިވާއިރު ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް ކުޅުދުއްފުއްޓަށް ލިބިފައިވަނީ 17 ޖޫންގައެވެ.