މުނިފޫހިފިލުވުން

ވިވެކް ޕްރޮޑިއުސްކުރާ ދެވަނަ ފިލްމް އިޢުލާންކޮށް، އައު ތަރިންނަށް ފުރުޞަތުދެނީ


ވިވެކް އޮބެރޯއީ ޕްރޮޑިއުސްކުރާ ދެވަނަ ފިލްމް އިޢުލާންކޮށް، ފިލްމުގެ މުހިއްމު ރޯލުތަކުން އައު ތަރިންނަށް ފުރުޞަތުދޭން ނިންމައިފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ޓުވިޓަރ މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައެވެ. ވިވެކްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްކަމަށްވާ އޮބެރޯއީ މެގާ އެންޓަޓެއިންމެންޓާއި، މަންޑިރާ އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ މި ފިލްމަށް ދީފައިވާ ނަމަކީ "ރޯޒީ - ދަ ސެފްރޮން ޗެޕްޓަރ"އެވެ. މިއީ ހޮރޯ ތްރިލަރ ފްރެންޗައިޒެކެވެ. މި ފިލްމު ބިނާކޮށްފައިވަނީ އިންޑިއާގައި ފައިނޭންޝަލް އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ހަރިޔާނާ ސްޓޭޓްގެ އަވަށެއްކަމަށްވާ ގުރުގްރާމުގައި ހިނގާފައިވާ ހަޤީޤީ ޙާދިސާތަކެއްގެ މައްޗަށެވެ. ފިލްމް ޑައިރެކްޓްކުރާނީ ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ފިލްމް ރައިޓަރ އަދި ޑައިރެކްޓަރ ވިޝާލް މިޝްރާއެވެ.

މި ފިލްމާއި ގުޅޭގޮތުން ވިވެކް ބުނެފައިވަނީ ބޮލީވުޑް ސްކްރީންތަކުން ހުނަރުވެރި އައު މޫނުތަކަށް ފުރުޞަތު ލިބިގެންދިޔުމަކީ އޭނާ އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއްކަމަށެވެ. އަދި މި ފިލްމަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއްކަމަށާއި، ފިލްމުގެ މުހިއްމު ރޯލުތަކުން އައު މޫނުތަކަށް ފުރުޞަތުދޭން ނިންމާފައިވާކަމަށް ވިވެކް ބުނެފައިވެއެވެ. ފިލްމާގުޅޭ މުހިއްމު ކަންތައްތަކެއް ކުރިއަށްއޮތްތާ ހިއްސާކުރާނެކަން ފާހަގަކުރަމުން ވިވެކް ބުނީ ކާސްޓުން ހޯދުމަށް ޓެލެންޓް ހަންޓެއް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

ވިވެކްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން އުފެއްދުމަށް ތައްޔާރުވާ ދެވަނަ ފިލްމު އިޢުލާންކޮށްފައިވާއިރު، ފުރަތަމަ ފިލްމް އިޢުލާންކޮށްފައިވަނީ ޖޫން 30 ގައެވެ. "އިޓީ"ގެ ނަމުން ނަންދީފައިވާ މި ފިލްމުވެސް އުފައްދާނީ މަންޑިރާ އެންޓަޓެއިންމަންޓާއި ގުޅިގެންނެވެ. ތްރިލަރ ޖޯންރާއަކަށް ތައްޔާރުކުރާ މި ފިލްމުވެސް ޑައިރެކްޓްކުރާނީ ވިޝާލް މިޝްރާއެވެ. މި ފިލްމުން ދައްކުވައިދޭނީ އަންހެނަކު އޭނާ މަރާލަން ރާވާ ރޭވުންތަކެއްގެ އަޑިނޭންގޭ ކަންތައްތަކެއް ހޯދަން ކުރާ މަސައްކަތެވެ. "އިޓީ"ގެ ޝޫަޓިން އޮކްޓޯބަރުމަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ވިވެކް ޕްރޮޑިއުސްކުރާ މި ދެ ފިލްމުގެވެސް ލީޑް ކާސްޓް އަދި ހާމަކޮށްފައެއްނުވެއެވެ.