ޚަބަރު

ޙާލަތު ގޯސްނުވާނަމަ ޖުލައި މަހުގެ މެދުތެރޭގައި ކުއްލި ޙާލަތު އުވާލާނެ - އަމީން


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި މިހާރުއޮތް ޙާލަތު އިތުރަށް ގޯސް ނުވާނަމަ، މިމަހުގެ މެދުތެރޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކަލުން އަރައިގަތުމަށް ކުރަމުންދިޔަ މަސައްކަތުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތައް މިހާތަނަށް ހޯދާފައިވާކަމަށެވެ.
އެގޮތުން ބަލިޖެހޭ މީހުންގެ ޢަދަދުތައް މަދުކުރެވުމާއި، ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި ޓެސްޓުހެދުމާއި ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ ލުއިތައް ދިނުމަށްވެސް އެންމެ ބޮޑަށް މަގުފަހިވެގެންދިޔަ ސަބަބުތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރެވި މިހާރު މިވަނީ 3ވަނަ ފިޔަވަހީގެ ލުއިތައް ދީފައެވެ. މިހާރު އޮތްގޮތުން 12މާޗްގައި އިޢުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު ދަންމާލާފައިވަނީ މިމަހުގެ 14ވަނަ ދުވަހާ ހަމައަށެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާމެދު ގޮތެއް ނިންމާނީ މިއޮތް ދެހަފްތާގެ މުއްދަތަށް ބެލުމަށްފަހުކަމަށެވެ. ގިނަ ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު ބަލީގެ ދެވަނަ "ރާޅެއް" އައުމަކީ އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި މި 2 ހަފްތާގެ މުއްދަތަކީވެސް މިކަންކަން ބަލައި ކުރިއަށް ހުރި ފިޔަވަޅުތަކާއިމެދު ގޮތް ނިންމުމަށް ލިބޭ ވަގުތެއްކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"ކުއްލި ޙާލަތު އުވާލުމާމެދު އަދި ސީދާ އެއްޗެއް ދަންނަވާކަށް ނޭނގެ. ޙާލަތަށް އަންނަ ބަދަލުން އެނގޭނީ. ނަމަވެސް މިހާރު މިއޮތްގޮތަށް އޮންނަނަމަ ދޫކޮށްލެވިދާނެކަމަށް ގަބޫލުކުރެވޭ. ޖުލައި 15ގައި ބޯޑަރު ހުޅުވާލާއިރު ޙާލަތު ރަނގަޅު ކުރުމަށް މިމަސައްކަތް ކުރަނީ. އެހެންވީމަ ޖުލައިގެ މެދުތެރެއަށް ކުއްލި ޙާލަތު ނިންމާލެވިދާނެކަމަށް ގަބޫލުކުރެވޭ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރީ ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެންނެވެ. އަދި ރާއްޖެ ލޮކްޑައުން ޙާލަތަށް ދިޔައީ މާލެއިން ކޯވިޑް-19ގެ 2ކޭސް ފެނި، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރެން ފެށުމުންނެވެ.

24ގަޑިއިރުގެ ލޮކްޑައުންގައި 44ދުވަހު އޮތުމަށްފަހު މެއިމަހުގެ 28ވަނަ ދުވަހުން ފަށައިގެންވަނީ ޙާލަތަށް ބަލައި ލުއިތަށް ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް އައިއިރު ތިން ފަހަރެއްގެމަތިން ވަނީ ލުއިތައްދީފައެވެ. ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި މިވަގުތު މޮނިޓަރިންގގެ ޙާލަތުގައި އޮތީ މާލެ ސަރަޙައްދު އެކަންނެވެ.