ތަރައްްޤީ

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެެއް ތަރައްޤީކުރަން ފެނަކައާއި ހަވާލުކޮށްފި


ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރަން ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޯރަފުށީގައި ބޮޓްލިންގް ޕްލާންޓެއް ނުވަތަ ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ. އަދި ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

މި މަޝްރޫޢަކީ ހޯރަފުށީ ކައުންސިލްގެ ހިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ޢުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ހޯރަފުށީގައި ޤާއިމުކުރާ ބޮޓްލިންގް ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އަދި އެރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ހޯރަފުށީގައި ބޮޓްލިންގް ޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްލާންޓު ޤާއިމުކުރުމަށް އެރަށުގެ ވޯޓަރ ސަޕްލައި ޕްލާންޓް ހުރި ދިމާލުން ކައުންސިލުން ވަނީ ބިން ހަމަޖައްސައިދީފައެވެ. މި މަޝްރޫޢުއާއެކު އިހަވަންދިއްޕޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް ފެން ފޯރުކޮށްދިނުމަށް ފަސޭހަވެ، އެކަމުގެ ސަބަބުން ރަށަށް ލިބޭ ޢާމްދަނީ އިތުރުވެ، ކުރިއެރުންތަކެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.