ޚަބަރު

ކޯވިޑް ބަލީގައި އިތުރު ދިވެއްސަކު މަރުވެއްޖެ


ކޯވިޑް ބަލީގައި އިތުރު ދިވެއްސެއް މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 10 އަރައިފިއެވެ. މި ބަލީގައި މީހަކު މަރުވިތާ 24 ގަޑިއިރުވެސް ނުވަނީސް މިރޭ މަރުވެފައިވަނީ އުމުރުން 92 އަހަރުގެ ދިވެއްސެކެވެ. އެޗްޕީއޭއިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މި މިހާ މަރުވެފައިވަނީ މިރޭ 11:54 ގައެވެ.

މި ބަލީގައި ރާއްޖޭގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ އިއްޔެ މެންދުރުއެވެ، އިއްޔެ މެންދުރު 1:50 އެހާކަންހާއިރު މަރުވެފައިވަނީ މި ބަލީގައި ފަރުވާދެމުން ދިޔަ އުމުރުން 43 އަހަރުގެ ޕިލިޕީންސްގެ ރައްޔިތެކެވެ.

ކޯވިޑްގައި ރާއްޖޭގައި މިހާތަނަށް ހަތަރު ދިވެއްސަކާއި 6 ބިދޭސީން ވަނީ މަރުވެފައެވެ. ބިދޭސީންގެ ތެރެއިން އެންމެ މީހަކު ފިޔަވާ ދެން ތިބި އެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ޓްރީޓޮޕްގައި ފަރުވާދެމުން ދިޔަ ތިން މީހަކު ހާލު ބޮޑުވެގެން ދަރުމަވަންތައް ހޮސްޕިޓަލަށް ބަދަލުކުރީ ހޯމަދުވަހުއެވެ. މީގެތެރެއިން ދެމީހުން މަރުވި އިރު އަނެއް މީހާގެވެސް ހާލު ސީރިއަސްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ އޭޕްރިލް މަހުގެ 29 ވަނަދުވަހުއެވެ. އެދުވަހު މަރުވެފައިވަނީ މި ބަލީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 83 އަހަރުގެ އާމިނަތު އާދަމްއެވެ. އޭގެ ފަހުން މި ބަލީގައި ދެވަނައަށް ރާއްޖެއިން މީހަކު މަރުވެފައިވަނީ މެއި މަހުގެ 5 ވަނަދުވަހުއެވެ. އެދުވަހު މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ބަންގްލަދޭސް ރައްޔިތެކެވެ. އެމީހާ މަރުވިތާ ދެ ދުވަސްފަހުން މޭ 7 ވަނަ ދުވަހު މި ބަލީގައި އަނެއްކާވެސް ދިވެއްސެއް މަރުވިއެވެ. އެދުވަހު މަރުވެފައިވަނީ މިބަލީގައި ރާއްޖެއިން އެންމެ ފުރަތަމަ މަރުވި އާމިނަތު އާދަމްގެ ފިރިކަލުން މަޝްހޫރު ވިޔަފާރިވެރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ އުމުރުން 80 އަހަރުގެ ޙުސައިން ޢަބްދުﷲ(ނކޝޢ) އެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން ހަތަރުވަނަ މީހަކު މަރުވެފައިވަނީ މޭމަހުގެ 13 ވަނަދުވަހުއެވެ. އެދުވަހު މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ބަލީގައި މަރުވި 5 ވަނަ މީހަކީ އުމުރުން 46 އަހަރުގެ ބަންގްލަދޭސް ރައްޔިތެކެވެ. މެއި މަހުގެ 26 ވަނަދުވަހު މި މިހާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އިރުވެސް އެމީހާ ވަނީ މަރުވެފައެވެ،

ކޯވިޑް ބަލީގައި ރާއްޖެއިން 6 ވަނަ މީހާ މަރުވެފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ. އެއީވެސް އުމުރުން 54 އަހަރުގެ ބަންގްލަދޭސްއަށް ނިސްބަތްވާ ފިރިހެނެކެވެ. މި ބަލީގައި ރާއްޖެއިން މަރުވި 7 ވަނަ މީހާ މަރުވެފައިވަނީ ހުޅުމާލެ އައިސޮލޭޝަންގައި ހުއްޓައެވެ. އުމުރުން 89 އަހަރުގެ މި އަންހެން މީހާ މަރުވިކަން އެގުނީ ހެނދުނު ނުތެދުވެގެން ބެލިއިރު މަރުވެފައި އޮތުމުންނެވެ. މި ބަލީގައި 8 ވަނަ ރާއްޖޭގައި މަރުވީވެސް ބަންގްލަދޭސްގެ ރައްޔިތެކެވެ. އުމުރުން 38 އަހަރުގެ މި މިހާ މަރުވީ އޭނާގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ދުވަހުއެވެ.

އެޗްޕީއޭއިން މިރޭ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭއިން 21 މީހަކަށް މި ބަލިޖެހިފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 3 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހަކާއި ލަންކާގެ ރައްޔިތެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 2382އެވެ.

ރާއްޖެއިން އިތުރު 10 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1954 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 82 އިންސައްތައެވެ. ރާއްޖޭގައި ކޯވިޑް-19އަށް މިހާރު ފަރުވާދެމުންދަނީ 414 މީހުންނަށެވެ.