ޚަބަރު

ކޯވިޑް-19 : ބަލީގެ ޢަލާމާތްތައް ހުންނަ ބައެއް މީހުން ޓެސްުޓުކުރަން ނުދާކަން ފާހަގަވޭ - ޑރ. ނަޒްލާ


ކޯވިޑް-19ގެ ޢަލާމާތްތައްހުރެ ޓެސްޓުކުރަން ނުދިއުމާއި ވަޒީފާއަށް ނިކުންނަ މީހުން މިހާރަކަށްއައިސް ފާހަގަކުރެވެމުން ދާކަމަށް ނޭޝަނަލް އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމައްޓަކައި އެޅި ފިޔަވަޅުތަކަށް ވަރަށް ރަނގަޅަށް ޢާންމުންގެ ފަރާތުން ސަމާލުކަން ދެމުންއައިނަމަވެސް މިހާރަކަށް އައިސް ފެންނަމުންދާ ކޭސްތަކުގައި ބަލީގެ ޢަލާމާތްތައްހުރެ ވަރަށް ގިނަ ދުވަސްވާއިރުވެސް ޓެސްޓްކުރަން މީހުން ނުދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"މިހެންކަންތައްތައްވާނަމަ މީގެމާނައަކީ އެމީހެއްގެ ސަބަބުން ވަރަށް ގިނަ އެހެން ފަރާތްތައް، ތިމާގެ ޢާއިލާއާއި އެކުގައި މަސައްކަތްކުރާ މީހުންނާއި ރައްޓެހިނާ، މިއެންމެންވެސް ބައްޔަށް ހުށައެޅުމުގެ ފުރުސަތުއޮވޭ. އެހެންވީމަ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ފްލޫ ކްލިނިކަކަށް ވަޑައިގެން ޓެސްޓްކުރުމަކީ ބަލިފެތުރުމުގެ ފުރުސަތު ކުޑަކުރުމަށްއޮތް އެންމެ މުހިއްމު އެއް ފިޔަވަޅު" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތަށް އައި ބަދަލާއެކު ސްކޫލްތައް ހުޅުވާފައި ވީނަމަވެސް ބައެއް ބެލެނިވެރިން ދަރިން ސްކޫލަން ފޮނުވަން ފަސްޖެހޭކަން ފާހަގަކުރެވޭކަމަށާ އެހެންނަމަވެސް ދަރިން ބައްޔަށް ހުށައެޅެނީ ހަމައެކަނި ސްކޫލަށްދާން ބޭރަށް ދިއުމުން އެކަނި ނޫންކަމަށާ ގޭގައިތިބޭ އެހެން މީހުން ބޭރަށް ނިކުމެ ހަދާނަމަ އެކުދިންވެސް ކޯވިޑް-19އަށް ހުށަހެޅޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ބަލީގެ ނުރައްކާ ބޮޑަށް ކުރިމަތިވާ އުމުރުފުރާތަކުގެ މީހުންނާއި ބަލިތައް ތަހަންމަލް ކުރާ މީހުންގެ ރައްކާތެރިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދުންފެށިގެން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމާއެކު ގިނަ އަދަދެއްގެ ބަޔަކު އެކިކަންކަމުގައި ބޭރަށް ނުކުންނަށް ފަށާފައިވާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.