ތިމާވެށި

ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަންނަ މަހު ލޯންޗުކުރަނީ


ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ބާރުއެޅުމުގެގޮތުން އެކުލަވާލާފައިވާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީއަށް އަންނަ ސެޕްޓެމްބަރު މަހު އަމަލުކުރަން ފައްޓަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.6 ވަނަ ތްރީއާރް ފޯރަމް ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ކުނިނައްތާލުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް އަލުން މުރާޖާކޮށް ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރަން ޖެހިފައިވާކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހިގޮތުގައި ކުނި ނައްތާލުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގައިވެސް ކުނިނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ތްރީއާރް ފޯރަމްގައި މަޝްވަރާކުރެވުނުކަމަށެވެ. މިނިސްޓަރ ޠާރިޤު ވިދާޅުވީ، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ކަންކަންކުރިއަށް ގެންދިޔުމަށް ވޭސްޓް މެނޭޖްމަންޓް ޕޮލިސީއެއް މިހާރު އެކުލަވާލާފައިވާކަމަށާއި، އަންނަ ސެޕްޓެމްބަރު މަހު އެ ޕޮލިސީ ލޯންޗުކުރައްވާނެކަމަށެވެ.މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ، އަލަށް އެކުލަވާލާފައިވާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީއާއެކު، އާ ކަންތައްތަކެއް ތަޢާރަފުވެގެންދާނެކަމަށެވެ. އެގޮތުން ގޭގެއިން ކުނިއުކާލުމަށް ފީއެއް ނެގުމާއި، ވިޔަފާރީގެ ބޭނުމަށް އެކިކަހަލަ އުފެއްދުންތައް އުފައްދާ ފަރާތްތަކުން އެ އުފެއްދުމެއް ނައްތާލުމުގެ ޒިންމާ ނެގުމާއި، ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤައިމުވެގެންދާނެކަމަށް އާމިރު ވިދާޅުވިއެވެ.33 ޤައުމު ބައިވެރިވި އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމަކީ މިހާތަނަށް ތިމާވެށީގެ ދާއިރާއިން ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ފޯރަމެވެ. މި ފޯރަމްގައި ރާއްޖޭގައި ޤައުމީ ތްރީއާރް ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ 16 ވަނަ ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ، ޒީރޯ ވޭސްޓް މެނޭޖްމަންޓް ނުވަތަ ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ޚާއްސަ އެއްބަސްވުމެއްގައި ރާއްޖޭގެ 99 ރިސޯޓަކުން ވަނީ ސޮއިކޮށްފައެވެ.