ޚަބަރު

ކޮރަޕްޝަނަކީ ތަރައްޤީއަށް އެޅޭ ހުރަހެއް، ނަޒާހަތްތެރިކަން ބަލާނީ ރައްޔިތުން


އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނަޒާހާތްތެރިކަން ބެލުމުގެ އެންމެބޮޑު ޒިންމާއެއް އުފުލާނީ ރައްޔިތުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ ދަރީންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމުނުކުރުމަށް މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މެމްބަރުން މަޖިލީހަށް އިންތިޚާބް ކުރައްވަނީ ރައްޔިތުންކަމަށެވެ. އެހެންކަމުން އެދާއިރާއެއްގެ މެމްބަރަކީ ނަޒާހާތްތެރި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނެ މެމްބަރެއްކަން ކަށަވަރުކުރާނީ އެދާއިރާގެ ރައްޔިތުންކަމަށެވެ. އަދި މެމްބަރުންނާއި، ވަޒީރުންގެ ނަޒާހާތްތެރިކަން ދަމަހައްޓާ މިންވަރު ބެލުމުގެ އެންމެބޮޑު ޒިންމާއެއް އަދާކުރެވޭނީވެސް ރައްޔިތުންނަށްކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ނަޒާހާތްތެރިކަން ހިފަހައްޓާނެ އެންމެ މުހިންމު ބަޔަކީ ރައްޔިތުން. އެރައްޔިތުން ވޯޓްދީގެން މެމްބަރުން އިންތިޚާބް ކުރަނީ. ތަރައްޤީއަށް އެޅޭ ހުރަހެއް އެއީ ކޮރަޕްޝަން" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާފައިވާ ކޮރޮޕްޝަންތަކުން ގެއްލުނު އިތުބާރަށްވުގެ ރާއްޖޭގެ އިޤްތިޞާދާއިމެދު ގެއްލިގެން ގޮސްފައިވާ އިތުބާރު މާބޮޑުކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ މައްސަލައަށް އިޝާރާތް ކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޚިޔާނާތުގެ ފައިސާ ހޯދޭނެކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. މިހާރުވެސް އޭގެ ތެރެއިން ފައިސާތަކެއް ހޯދުމަށް ބައެއް ބޭފުޅުންގެ މައްޗަސް ދައުވާ އުފުލިފައިވާކަމަށެވެ. ނަމަވެސް މިފައިސާ ލިބުނުކަމުގައި ވީނަމަވެސް އިޤްތިސާދުގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް މާބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައްލަވާ އެމްއެމްޕީއާރުސީގައި އެގެއްލުނުހާ ފައިސާގެ އިތުރުން ގެއްލުނު އިތުބާރު، ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ މައްޗަށް ގެއްލުނު އިތުބާރު އެއީ މާދެރަކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެފައިސާ އަނބުރާ ހޯދޭނެ. 590 މިލިޔަން ރުފިޔާއާއި ހަމަޔަށް ދައުވާކުރަން މިހާރުވަނީ ހުށަހެޅިފަ. ބޭފުޅުންތަކަށް މިވަނީ ދައުވާކުރެވިފަ. އެފައިސާ ދައުތަކަށް އަނބުރާ ލިބެންޖެހޭނެ. އަޅުގަނޑުމެންގެ އުންމީދަކީ އެމްއެމްޕީއާރުސީގެ ހުރިހާ ފައިސާއެއް ހޯދުން" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ދަޢުވާކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ.

ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތްކުރާ ފައިސާގެ ޢަދަދުތައް ޕްރޮސިކިއުޓާރ ޖެނަރަލްގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ، 20 މިލިއަން 8 ލައްކަ ފަނަރަ ހާސް ދުއިސައްތަ ސައްބީސް ރުފިޔާ ހަތްދިހަ ލާރިއާއި، ކުށުގެ ޢަމަލުން ހޯދާފައިވާ ފައިސާއާއި އެއްކޮށްފައިވާ ފައިސާކަމަށް ތުހުމަތުކުރެވޭ، 35 މިލިއަން 3 ލައްކަ ނުވަދިހަ ދެ ހާސް ހަތް ސަތޭކަ ފަންސާސް ފަސް ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދިފައިވާ 504 މިލިއަން ނުވަ ލައްކަ ދިހަ ހާސް ނުވަ ސަތޭކަ ތެއްތިރީސް ރުފިޔާ ފަންސާސް ލާރިއެވެ.