ވިޔަފާރި

އޭއައިއައިބީން ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ ލޯނެއް


ކޯވިޑް19 އިން ރައްކާތެރިވުމަށް އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން 7.3 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށްދޭން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކު، އޭއައިއައިބީން ބެންކުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ މިއީ އެ ބޭންކުން ރާއްޖެއަށް ފޯރުކޮށްދޭ ފުރަތަމަ ޕްރޮޖެކްޓް ފައިނޭންސިން ކަމަށެވެ. އަދި މިއީ \ރާއްޖޭގައި ކޯވިޑް19 ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށާއި ޕާސަނަލް ޕްރޮޓެކްޓިން އިކުއިޕްމަންޓް (ޕީޕީއީ) ހޯދުމަށް ދޭ އެހީއެއް ކަމަށެވެ. މީގެ އިތުރުން މި އެހީގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް މީހުންގެ ރައްކާތެރިކަން އިތުރުކުރެވޭނެކަމަށް އެ ބޭންކުން ބުނެއެވެ.

އޭއައިއައިބީން މި ފައިސާ ރާއްޖެއަށް ދެނީ ޕްރޮޖެކްޓް ފައިނޭންސިންގްއެއްގެ ގޮތުގައެވެ. އޭއައިއައިބީގެ ވައިސް ޕްރެސިޑެންޓް، އިންވެސްޓްމެންޓް އޮޕަރޭޝަންސް ޑީޖޭ ޕާންޑިއަން ވިދާޅުވީ ބޭންކުގެ ބޭނުމަކީ މި ހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުން ބޭނުންވާ ވަސީލަތްތައް ހުރިކަން ކަށަވަރުކޮށްދިނުންކަމަށެވެ.

މި ލޯނު އެހީ ދީފައިވަނީ އެ ބޭންކުގެ ކޯވިޑް19 ކްރައިސިސް ރިކަވަރީ ފެސިލިޓީގެ ދަށުން ހިންގާ ސްޕެޝަލް ފަންޑް ވިންޑޯގެ ދަށުންނެވެ. ރާއްޖެއަށް މި ލޯނުގެ ސަބަބުން އުފުލަންޖެހޭ މާލީ ބުރަ، ލުއި ވާނެކަމަށް އޭއައިއައިބީއިން ބުނެއެވެ. ސަބަބަކީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ މެމްބަރުންނަށް އޭއައިއައިބީގެ ހާއްސަ ވިންޑޯގެ ތެރެއިން މި އެހީ ދެނީ ކުޑަ އިންޓްރެސްޓެއްގައި ކަމަށްވާތީއެވެ.

ޖޫންމަހުގެ ނިޔަލަށް އޭއައިއައިބީގެ ކްރައިސިސް ރިކަވަރީ ފެސިލިޓީގެ ދަށުން 11 ގައުމެއްގައި 13 މަޝްރޫއެއް ހިންގުމަށް 5.5 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެ ބޭންކުން ބުނެއެވެ.