ޚަބަރު

ކުޅުދުއްފުށީގައި ދަފުތަރުނުކޮށް ބިދޭސީން ގެންގުޅޭނަމަ ފިޔަވަޅު އަޅަނީ


ކުޅުދުއްފުށީގައި އުޅޭ ބިދޭސީން ދަފުތަރު ކުރުމަކާ ނުލައި، ގެންގުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް އޮންނަންވާނެ ކަމުގައި މިކަމަށް ހެދިފައިވާ ޤަވާޢިދުން ލާޒިމު ކުރެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ކައުންސިލްގެ އެންގުމާ ޚިލާފަށް، ދަފުތަރު ނުކޮށް، ބިދޭސީން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަދި އަމިއްލަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގައެވެ. އަދި ދަފްތަރު ކުރުމަކާ ނުލައި ބިދޭސީން ގެންގުޅޭ ގެތަކުގެ ވެރިންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެކައުނސިލުން ބުނެފައިވެއެވެ.

ކުޅުދުއްފުށީގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ބިދޭސީންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް މިދިޔަ މާރޗް މަހު، އެއިދާރާއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެރަށުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި، ކައުންސިލްގައި ދަފުތަރު ނުކުރާ ގިނަ އަދަދެއްގެ ބިދޭސީން ފާހަގަ ކުރެވިފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ދަފުތަރު ނުކޮށް އުޅޭ ބިދޭސީ މަސައްކަތްތެރިން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދަފްތަރު ކުރުމަށް އެ އިދާރާއިން އަންގައެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ކުޅުދުއްފުށިން ވަނީ 64 ބިދޭސީއަކުން ފުރުވާލާާފައެވެ.