ޚަބަރު

އަންހެންދަރިފުޅަށް ތަކުރާރުކޮށް ޖިންސީގޯނާ ކުރަމުންދިޔަ ބައްޕަ ހައްޔަރުކޮށްފި


ކުޑައަންހެންކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މި މީހާ ޙައްޔަރުކުރީ 13 އަހަރުގެ އަންހެން ދަރިފުޅަށް ތަފާތު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދިޔުމަށް 08 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.