ކޯވިޑް-19

ކޯވިޑް-19 : މާލީ ޚަރަދުތައް ދެކޮޅުޖެއްސުމަށް ގިނަ ބަޔަކަށް އުނދަގޫވި - ސާވޭ


ކޯވިޑް-19އާ ގުޅިގެން މާލީ ޚަރަދުތައް ހަމަޖެއްސުމަށް ގިނަ ބަޔަކަށް އުނދަގޫވިކަމަށް "ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19" މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ ސަރވޭއިން ދައްކައިފިއެވެ.

މިއީ ކޯވިޑް-19ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ކޮށްފައިވާ އަސަރު ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ. އެޗް.ޕީ.އޭ.އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫ ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދާ މި ސަރވޭގައި 2871 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 2697 މީހެއްގެ ފަރާތުން ސަރވޭއަށް ބޭނުންވާ ފުރިހަމަ ބައިވެރިވުން ލިބިފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވިއެވެ. އެޗް.ޕީ.އޭއިން ވަނީ މި ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަަޢުލޫމާތުތަކުގެ ތަފާސް ހިސާބުތައް ހިމެނޭހެން ތިންވަނަ ރިލީޒް މިހާރު އާއްމުކޮށްފައެވެ.

ތިންވަނަ ރިލީޒްގައި އެޗް.ޕީ.އޭއިން ވަނީ ސަރވޭގެ ބައިވެރިންނަށް މާލީ ޚަރަދުތައް ދެކޮޅުޖެއްސުމުގައި ގޮންޖެހުން ކުރިމަތިވި މިންވަރާއި، ޢާމްދަނީ ހޯދުމަށް ކުރާ މަސަައްކަތްތަކަށް ކުރި އަސަރުތަކާއި، ވަޒީފާ އަދާކުރަމުންދާގޮތާއި ގުޅޭގޮތުން ބައިވެރިންދެކޭގޮތް ހާމަކޮށްފައެވެ.

އެގޮތުން ސަރވޭގެ ބައިވެރިންގެ ތެރެއިން 65 އިންސައްތަ މީހުން ބުނެފައިވަނީ ކޯވިޑް-19ގެ ސަަބަބުން އެމީހުންގެ ޒަރޫރީ ބޭނުންތަކަށް މަލީ ޚަރަދުތައް ދެކޮޅުޖެއްސުމަށް ވަރަށް ބޮޑަށް އުނދަގޫވިކަމަށެވެ. އަދި 23 އިންސައްތަ މީހުން މާލީ ޚަރަދުތައް ދެކޮޅުޖެއްސުމަށް ކޮންމެވެސް ވަރަކަށް އުނދަގޫވިކަމަށް ބުނެފައިވާއިރު، 12 އިންސައްތަ މީހުން ވަނީ އެކަމާމެދު އެއްޗެއް ބުނަން އަދި އަވަސްކަމަށް ބުނެފައެވެ.

ސަރވޭގައި ބައިވެރިވި 44 އިންސައްތަ މީހުން ކޯވިޑް-19ގެ ސަބަބުން އިޢުލާންކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމާއި ހަމައަށް ވަޒީފާ އަދާކުރުމަށް ގޮސްފައެއްނުވެއެވެ. އަދި 37 އިންސައްތަ މީހުން އަމިއްލަގޭގައި ތިބެގެން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކޮަށްފައިވާއިރު، 8 އިންސައްތަ މީހުން ވަނީ ހަފްތާއަކު ދެތިން ދުވަހު ވަޒީފާ އަދާކުރުމަށް ގޮސްފައެވެ. ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމާއި ހަމައަށް ކޮންމެ ދުވަހަކުވެސް ވަޒީފާ އަދާކުރުމަށް ގޮަސްފައިވަނީ ސަރވޭގައި ބައިވެރިވި އެންމެ 11 އިންސައްތަ މީހުންނެވެ.

ކޯވިޑް-19ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވުމުގެ ކުރިންވެސް މި ސަރވޭގައި ބައިވެރިންގެ ތެރެއިން ޢާމްދަނީ ހޯދުމަށް 71 އިންސައްތަ މީހުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އަދި 16 އިންސައްތަ މީހުން ތަފާތު ވިޔަފާރި ހިންގައިގެ ޢާމްދަނީ ހޯދަމުންދިޔައިރު، ކުއްޔާއި، ޕެންޝަން އަދި އެހެނިހެން ގޮތްގޮތުން 6 އިންސައްތަ މީހުންނަށް ޢާމްދަނީ ލިބިފައިވެއެވެ. އަދި ކޯވިޑް-19ގެ އައުމުގެ ކުރިންވެސް ސަރވޭގައި ބައިވެރިވި 7 އިންސައްތަ މީހުންނަށް ޢާމްދަނީއެއް ލިބިފައެއްނުވެއެވެ.

ީމީގެ ތެރެއިން ޢާމްދަނީ ހޯދުމަށް ވަޒީފާ އަދާކުރަމުންދާ 71 އިންސައްތަ މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކަށް ކޯވިޑް-19ގެ ސަބަބުން އެއްވެސް އާމްދަނީއެއް ލިބިފައެއްނުވެއެވެ. އަދި ކޮންމެ 10 މީހަކުން އެކެއްގެ ވަޒީފާ ކުރިއަށް އޮތްމަހެއްގެ ތެރޭގައި ގެއްލިދާނެކަމަށް ބުނެފައިވާއިރު، ކޮންމެ 10 މީހަކުން 3 މީހެއްގެ މޫސަރަ ކުޑަވެފައިވާކަމަށް ބުނެފައިވެއެވެ. ވަޒީފާގެ ޔަޤީންކަން އޮތީ ކޮންމެ 10 މީހަކުން 5 މީހެއްގެ އެކަންޏެވެ.

އެކިކަހަލަ ވިޔަފާރި ހިންގާ ފަރާތްތަކަށް ޢާމްދަނީ ހޯދަމުންދިޔަ 16 އިންސައްތަ މީހުންނަށް ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު، ކޮންމެ 10 މީހަކުން 5 މީހެއްގެ ވިޔަފާރިއަށް ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. އަދި ކޮންމެ 10 މީހަކުން 4 މީހެއްގެ ވިޔަފާރިން އެއްވެސް ޢާމްދަނީއެއް ލިބިފައިނުވާއިރު، ކޮންމެ 10 މީހަކުން އެކެއްގެ ވިޔަފާރިއަށް އަދި މާބޮޑު އަސަރެއްކޮށްފައިނުވާކަމަށް ސަރވޭގެ ބައިވެރިން ބުނެއެވެ.

"ސޯޝިއޯ-އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޯވިޑް-19" މިނަމުގައި ރާއްޖޭގައި ކުރިއަށްގެންދާ މި ސަރވޭއަކީ އެޗް.ޕީ.އޭއާއި އެމް.އެން.ޔޫ ގުޅިގެން ކުރިއަށްގެންދާ ޢިލްމީ ދިރާސާއެކެވެ. މި ދިރާސާއަކީ ސިއްހީ ދިރާސާކުރާ ޤައުމީ ކައުންސިލުން ފާސްކޮށްފައިވާ ދިރާސާއެކެވެ. ސަރވޭގެ ފުރަތަމަ ބުރުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި އެޗް.ޕީ.އޭއިން އާއްމުކުރި ފުރަތަމަ ރިލީޒްގައި ސަރވޭގައި ބައިވެރިވި 94 އިންސައްތަ މީހުންނަށް ކޯވިޑް-19ގެ އަލާމާތްތައް ދެނެގަންނަން އެނގޭކަން ވަނީ ހާމަކޮށްފައެވެ. އަދި ދެވަނަ ރިލީޒްގައި ސަރވޭގެ ބައިވެރިން ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ހޯދާ ގޮތްތަކާއި، އާބާދީގެ އެކި އުމުރުފުރާތަކުގެ މެދުގައި ސިއްހީ ކަންބޮޑުވުން އެންމެ ބޮޑަށް އޮތްކަންކަމާއި، ވަޔަލެންސް އެޓް ހޯމް ނުވަތަ ގެވެށިއަނިޔާގެ ކަންބޮޑުވުން އޮތް މިންވަރާމެދު ބައިވެރިން ދެކޭގޮތް ވަނީ ހާމަކޮށްފައެވެ.