އައު އާއްމު ހާލަތުގައި އަންނަ މަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރިން ނިންމާފައިވާއިރު ސްކޫލްތަކުން އަންނަނި ކިޔަވައިދިނުން އަލުން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔަރީތައް ވަމުންނެވެ. މިގޮތުން ސްކޫލްތަކަށް ދަރިވަރުން އަންނަން ވާއިރަށް ރައްކާތެރި ވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިންތިޒާމްތައް ދަނީ ހަމަޖައްސަމުންނެވެ. ގޮންޖެހުން ބޮޑު މިމަސައްކަތަކީ އެތައް ބައެއްގެ ރައްކާތެރިކަމާއި ގުޅިފައިވާ ކަމަކަށްވުމުން މިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ތައްޔާރު ވަމުންނެވެ.
ޖުލައިމަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުން އަންނައިރު ސްކޫލްތައް ފެށުމަށް ބޭނުންވާ ބަޖެޓު މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ވަނީ ދިވެހި ސަރުކާރުގެ ބަޖެޓާއި ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކުކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މިއެހީއާއެކު ސްކޫލަތަކަށް ބޭނުންވާ ސެނިޓައިޒާ އާއި ޑިސްއިންފެކްޓްކުރުމުގެ ވަޞީލަތްތަކާއި އަތްދޮވުމަށް ބޭނުންވާ ސައިބޯނި ހޯދައި ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
އެގޮތުން މި ތަކެތި މިހާރު ގިނަ ސްކޫލްތަކަށް ފޮނުވާފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ސްކޫލް ހުޅުވޭއިރު އަތްދޮވުމަށް ޤާއިމުކުރަންޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ހަދަމުންދާއިރު ސްކޫލް ފެށޭއިރު ހުރިހާ ސްކޫލެއްގައި މިފަދަ ސްޓޭޝަންތައް ހުންނާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި ހުރިހާ ސްކޫލްތަކަކަށް މިހާރު ހުންބަލާ ތަމޯމީޓަރު ފޮނުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ..
އަލުން ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު ސްކޫލްތަކުގައި ކުދިން ތިބޭއިރު ގޯތިތެރޭގައި ގައިދުރުކަން ކަށަވަރުކުރުމަށް ބިންމަތީގައި ނިޝާން ޖެހުމުގެ މަސައްކަތްތައް ސްކޫލްތަކުގައި އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ކުލާހުގައި ކޮންމެ ދެކުއްޖެއްގެ ދެމެދުގައި 3 ފޫޓު ހުންނާނެފަދަ ގޮތަކަށް ކުލާސްތައް ތައްޔާރުކުރަމުން އަންނައިރު ބެލެނިވެރިން ސްކޫލަށް ދަރިވަރުންގެނެސް ދޫކުރަންޖެހޭ ހިސާބު ފާހަގަކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ސްކޫލްތައް އަލުން ހުޅުވާއިރު ކުރަންޖެހޭ ބައެއް މަރާމާތުތަކެއް ހުރުމާއެކު އެމަސައްކަތްވެސް ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ހިލޭ އެހީގެދަށުން ކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ސްކޫލްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ކުރައްވަމުންގެންދެވި މުހިއްމު އެއްމަސައްކަތަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ އެޑިއުކޭޝަން ރެސްޕޮންސް ޕްލޭންއެކުލަވާލުމުގެ މަސައްކަތެވެ. ތިން ބަޔަކަށް ބަހާލައިގެން 3 އަހަރުގެ މުައްދަތަކަށް އެކުލަވާލާފައިވާ މިޕްލޭނުގައި ސްކޫލް ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ސްކޫލް ހުޅުވޭ މަރުޙަލާގައި ކުރަންޖެހޭ ކަންތައްތަކާއި ސްކޫލް ހުޅުވުމަށްފަހު ކުރަންޖެހޭ ކަންކަން ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ސްކޫލް ހުޅުވެންވާއިރަށް ޓީޗަރުން ތަމްރީނުކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ގިނަދުވަސްތަކަކަށްފަހު ސްކޫލަށް ދަރިވަރުން އަންނައިރު ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީފޯރުކޮށްދިނުމަށްޓަކައި އެގާރަހާސް މުދައްރިސުންނަށް ބޭސިކް ސައިކޯސޯޝަލް ސަޕޯޓާއި ސައިކޮލޮޖިކަލް ފަސްޓްއެއިޑް ޓްރެއިނިންގ ދިނުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
މިތަމްރީނުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލް މާޙައުލާއި ދުރުގައި ގޭގައި ތިބި ކުދިންނަށް ކުރިމަތިވެފައިވާ ނަފްސާނީ އެކި މައްސަލަތަކަށް ވީއެންމެ އަވަހަކަށް އެޓެންޑުވުމަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީވަނީ މީގެކުރިން ވިދާޅުވެއެވެ.
މީގެިއުތުރުންވެސް ސްކޫލްތައް ހުޅުވުމަށްޓަކައި އެކުލަވާލާފައިވާ ޕްލޭންގެ ދަށުން ސްކޫލްތަކުން ވާންޖެހޭ ތައްޔާރީތައްވެސް ވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޯވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވާއިރު ދަރިވަރުންގެ ކިޔެވުން ދިގު މުއްދަތަކަށް މެދުކެނޑުނަ ނުދިނުމަށް ޕީއެސްއެމްއާއި އެހެން މީޑިއާތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީންވަނީ ޓެލިކިލާސްގެ ނަމުގައި ޓީވީއާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކްލާސްތައް ކުރިއަށްގެންދަވާފައެވެ.