ކޯވިޑް-19

24 ގަޑިއިރުގެ ތެރޭގައި ރިޕޯޓްކުރި ކޭސްތަކުގެ ޢަދަދު އަނެއްކާވެސް މައްޗަށް


ކޯވިޑް-19 ޖެހިގެން 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއަށް ރިޕޯޓްކުރި ކޭސްތަކުގެ ޢަދަދު ރިކޯޑް އަދަދަކަށް އަނެއްކާވެސް އިތުރުވެއްޖެއެވެ.

ކޯވިޑް-19ގެ ދުނިޔޭގެ އެންމެފަހުގެ ޙާލަތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިޔު.އެޗް.އޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ކޯވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް ރިޕޯޓް ކުރާ ކޭސްތަކުގެ އަދަދު އަދިވެސް އިތުރުވަމުންދާކަމަށާއި، ބަލި ކޮންޓްރޯލްވާ މަންޒަރެއް އަދިވެސް ނުފެންނަ ކަމަަށެވެ.

މިމަހުގެ 21 ވަނަ ދުވަހަކީ 24 ގަޑިިއިރުގެ ތެރޭގަައި ބަލިޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު އަނެއްކާވެސް ރިކޯޑް މިންވަރަކަށް އިތުރުވި ދުވަހެއްކަމަށެވެ. އެގޮތުން އެ ދުވަހު އެކަނިވެސް 183،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިގެން އެ ޖަމިއްޔާއަށް ރިޕޯޓްކޮށްފައިވާކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.

މީގެ ތެރެއިން 3 ބައިކުޅަ 2 ބައި ކޭސްތައް ރިޕޯޓްކޮށްފައިވަނީ އުތުރު އެމެރިކާއާއި، ދެކުނު އެމެރިކާއިންނެވެ. އެގޮތުން އެ ސަރަޙައްދުގެ ޤައުމުތަކުން އެކަނިވެސް 116،000 އަށްވުރެ ގިނަ މީހުންނަށް މިމަހުގެ 21 ވަނަ ދުވަހު ބަލިޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން 20،000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނުއިރު، މެޑިޓެރޭނިއަން ޤައުމުތަކުން 18،000 އަށްވުރެ ގިނަ މީހުންނަށާއި، ޔޫރަޕްގެ ޤައުމުތަކުން 17،000 އަށްވުރެ ގިނަ މީހުންނަށް އަދި އެފްރިކާގެ ޤައުމުތަކުން 8000 އަށްވުރެ ގިނަ މީހުންނަށް އެދުވަހު ބަލިޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ކޯވިޑް-19 ޖެހިގެން ޑަބްލިޔު.އެޗް.އޯއަށް އެންމެ މަދުން ރިޕޯޓްކޮށްފައިވަނީ ޕެސިފިކް ޤައުމުތަކުންނެވެ. ޕެސިފިކަށް ނިސްބަތްވާ ޤައުމުތަކުން އެ ދުވަހު ރިޕޯޓްކޮށްފައިވަނީ އެންމެ 1370 ކޭސްއެވެ.

ޓެޑްރޮސްވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި ބައެއް ޤައުމުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދާއި، މި ބަލީގައި މަރުވާ މީހުންގެ ޢަދަދު ބައެއް ޤައުމުތަކުގައި އަދިވެސް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާކަމަށެވެ. އަދި އައު އާއްމު ހާލަތަށް ތައްޔާރުވުމުގެ ގޮތުން ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރުމާއި، ބޯޑަރުތައް އަލުން ހުޅުވާލުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައިވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަކުރަމުންދާއިރު، މިކަމުން އަރައިގަނެވެން އޮތީ ޤައުމުތަކުން ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރައްވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ދިމާވާ އިޖްތިމާއީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި އެއް ޤައުމު އަނެއް ޤައުމަށް މިހާރަށް ވުރެ ބޮޑަށް އެހީތެރިވެދިނުމަށް ޓެޑްރޮސް ވަނީ ދުނިޔޭގެ ޤައުމުތަކަށް ގޮވާލައްވާފައެވެ. އަދި ކޯވިޑް-19 އަށް ޓެސްޓްކުރުމާއި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުން ފަދަ ކަންކަމަށް ފަރުވާ ކުޑަނުކުރުމަށްވެސް އެނާވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.