ކުޅިވަރު

ބާސެލޯނާ މެޗަށް ހިތްހަމަނުޖެހޭ ރެފްރީއެއް


ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި އެތްލެޓިކް ކްލަބް ކުޅޭ މެޗަށް އެ ޓީމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ރެފްރީއެއް ހަމަޖައްސައިފި އެވެ. މި މެޗުގައި ރެފްރީކަން ކުރާނީ ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ވީއޭއާރު ރޫމުގައި އިސްކޮށް ހަރަކާތްތެރިވި ރެފްރީ ޖެސޫސް ޖިލް މަންޒާނޯ އެވެ.

މި މެޗުގައި ރެއާލް މެޑްރިޑް މޮޅުކޮށްދިން ޕެނަލްޓީ ދިން މައްސަލާގައި ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭގެ ބަހުގެ ހަމަލާތައް ރެފްރީ އަށް ވަނީ އަމާޒުވެފައެވެ. އަދި ރެއާލް މެޑްރިޑަށް ފޭވާކޮށްދިން ގޮތަށް ބާސެލޯނާ އަށް ފޭވާ ނުކޮށްދޭކަމަށް ބުނެ ބާސެލޯނާގެ ސީނިއަރ ކުޅުންތެރިން ވަނީ ރެފްރީ އާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ރެއާލް މެޗުގައި ވީއޭއާރު ބަލާ ޕެނަލްޓީ ދީފައިވާ މައްސަލަ ރަސްމީކޮށް ސްޕެނިޝް ފުޓްބޯޅަ ފެޑަރޭޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ.

މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބާސެލޯނާ ހިތްހަމަނުޖެހޭ ރެފްރީއަކު މެޗަށް ނެރެން ނިންމާފައިވާއިރު ރެފްރީ މަންޒާނޯ އާއި ޖެރާޑް ޕީކޭއާ ދެމެދު މިދިޔަ ސީޒަނުގައި ވެސް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވެއެވެ. އަދި އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗަށް ފަހު ރެފްރީންނަށް ފާޑުކިޔާ އޭނާ ދީފައިވާ އިންޓަވިއުގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ. ފަހަރުގައި މި ކަމުގެ އަދަބެއްގެ ގޮތުން މި ސީޒަނުގައި ޕީކޭ އަށް ނުކުޅެވޭގޮތްވުން ވެސް އެކަށީގެންވެއެވެ.

ރެފްރީ މަންޒާނޯ މިހާތަނަށް ވަނީ ބާސެލޯނާ ކުޅުނު 23 މެޗެއްގައި ރެފްރީކަން ކޮށްފައެވެ. މީގެ ތެރެއިން ބާސެލޯނާ މޮޅުވީ 23 މެޗުންނެވެ. އަދި ތިން މެޗުން ބަލިވެފައިވާ އިރު އޭނާ ވަނީ ތިން ފަހަރެއްގެ މަތީން ބާސެލޯނާގެ ކުޅުންތެރިންނަށް ރަތްކާޑުވެސް ދައްކައިފައެވެ.