ޚަބަރު

ކޯވިޑް-19 : ދެވަނަ ޕީކެއް އައުމުގެ ފުރުޞަތު ކުޑަ - ޑރ.އަފްޒަލް


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ކުރީގެ ޙާލަތަށް ދާނެކަމަށް ލަފާ ނުކުރެވޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ޕޮޒިޓިވްވާމީހުންގެ ޢަދަދު މައްޗަށް އަރައިގެންދާއިރު ކުރިން ބަލިޖެޖުނު މީހުންގެ ޢަދަދު މައްޗަށް އެރައިގެންދިޔަ ޢަދަދަށް އަރައިގެން ނުދާނެކަމަށް ލަފާކުރެވޭކަމަށެވެ. ސަބަބަކީ ރައްކާތެރިކަމުގެ ގޮތުން އަލަންޖެހޭ ފިޔަވަޅުތަކަށް ރައްޔިތުން އަހުލުވެރިވެ ޢަމަލުކުރުންކަމަށްވެސް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

"މާލެސަރަހައްދުގަ ވަރަށް ގިނަބަޔަކު މާސްކުވެސް އަލައިގެން އުޅޭނީ. ގައިދުރުކަންވެސް ބަހައްޓާތަން ފެނޭ. ސެނިޓައިޒާވެސް ބޭނުންކުރާތަން ވަރަށ ްގިނައިން އެބަފެނޭ. މިފަދަ އާދަތައް ގިނަބަޔަކަށް އެކަން ކުރެވެންޔާ ރައްކާތެރިކަން ލިބޭނޭ. ޚާއްޞަކޮށް ބިދޭސީންތެރޭގައިވެސް އަޅުގަނޑު ފާހަގަކޮށްލާނަން މަސްކު އަޅާއިގެން އުޅޭކަމަށް. އެހެންވީމަ ދެވަނަ ޕީކެއް އަންނައިރު ޕީކް ކުޑަވާނެކަމަށް ލަފާކުރާ ސަބަބަކީ އެހެންވީމަ އާންމުނަށް ކޮންމެސްވަރެއްގެ އާދަތަކެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަދެފައިވާތީ." ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިޢަދަތަށް ހުރެ އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް އަރާނެ ހިރާސްތައް ކުޑަކުރެވިފައިވާނަމަ މަގުތަކަށް މީހުން ނުކުތްނަމަވެސް ބަލި ނުފެތުރޭނެކަމަށާއި، ނަމަވެސް ކޮންމެސްވަރަކަށް ޕޮޒިޓިވް ކޭސްތައް ހަމަ ފެންނަމުންދާނެކަމަށެވެ. އަފްޒަލް ވިދާޅުވީ، މިދެހަފްތާއަށް ބެލުމަށްފަހު ރާއްޖޭގެ ހާލަތަށް އންނާނެ ބަދަލުތަކުގެ އަންދާޒާއެއް އެކުލަވާލާނެކަމަށެވެ. ޑރ.އަފްޒަލް ވިދާޅުވީ މިޙާލަތުގައި ހިފަހައްޓާލެވިއްޖެނަމަ އިތުރު ލޮކްޑައުންއަކަށް ދާން ނުޖެހޭނެކަމަށެވެ.