ޚަބަރު

އައްޑޫގައި ޤަވާއިދާ ޚިލާފް ބިދޭސީން ބައިތިއްބާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ


ލިޔެކިއުން ނެތް އަދި ސަރުކާރުގެ ރެގިއުރަލަރައިޒޭޝަން ޕްރޮގްރާމުގައި ބާއިވެރި ނުވާ ބިދޭސީން އައްޑޫސިޓީގެ ގޭގައި ބޭއްތިއްބުމަކީ މަނާކަމެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިމިވަނީ، އެސިޓީއަށް އެތެރެވެ، އަދި ބޭރުވާ ބިދޭސީން ރަޖިސްޓްރީ ކުރަންޖެހޭނެކަން އަންގައި، ސިޓީކައުންސިލުން އިޢުލާނެއް ނެރުމަށްފަހުއެވެ. އެއިއުލާނުގައި ބުނެފައިވާ ވަނީ، އައްޑޫސިޓީއަށް ގެންނަ ބިދޭސީން އެއަވަށެއްގެ އަވަށު އޮފީހުގައި ދަފްތަރު ކުރަންވާނެ ކަމަށެވެ. އަދި ހަމައެގޮތަށް އައްޑޫ ދޫކޮށްދާ ބިދޭސީންވެސް ދަފްތަރުން އުނިކުރަން ވާނެކަމަށެވެ. މިގޮތަށް ނިންމީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކަމާބެހޭ އިދާރާތަކުގެ މަޝްވަރާއާއެކު ކަމަށްވެސް މިއިޢުލާނުގައި ބުނެފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެކައުންސިލުން ނިންމާފައިވަނީ މިގޮތަށް ދަފްތަރު ނުކޮށް، ނުވަތަ ލިޔެކިއުން ނެތި ސަރުކާރުން ހިންގާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރި ނުވާ ބިދޭސީންނާ މެދު ދައުލަތުގެ މުޢައްސަސާތަކާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެސިޓީގެ ހުރިހާ އަވަށެއް ގައި އުޅޭ ބިދޭސީން އެއަވަށެއްގެ އަވަށު އޮފީހުގައި ދަފްތަރުވުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

އެސިޓީގައި އުޅޭ ބިދޭސީން، ރެގިއުލަރައިޒް ކުރުމަށް މިއަހަރު ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮގްރާމެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން މިވަގުތު އައްޑޫގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ކޮވިޑް-19 އިގެ ހާލަތުގައި އަނބުރާ ރަށަށް ދާން ބޭނުންވާ ބިދޭސީން ރެޖިސްޓްރީ ކުރުމުގެ ފުރުޞަތުވެސް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.