ކޯވިޑް-19

ޑިޒައިން ފޮތިން ފަހާފައި ހުންނަ މާސްކް ސްކޫލުތަކުގައި ބޭނުމެއްނުކުރެވޭނެ


ރާއްޖޭގެ ކޯވިޑް-19ގެ މިހާރުގެ ޙާލަތަށްބަލައި، ޖުލައިމަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. އަދި އައު އާއްމު ޙާލަތުގެ ދަށުން ސްކޫލްތައް ހުޅުވާއިރު، ޢަމަލުކުރަންވީގޮތުގެ ގައިޑްލައިންތައް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ ފޮނުވާފައެވެ.

ސްކޫލުތައް އަލުން ހުޅުވާއިރު ޓީޗަރުންނާއި، ދަރިވަރުންނާއި އަދި ބެލެނިވެރިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ މާސްކް އެޅުމަށާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށެވެ. ‏ސްކޫލްތައް އަލުން ހުޅުވާއިރު، ސްކޫލްތަކަށް ވަދެނިކުމެވާ ހުރިހާ ފަރާތްތަކުންވެސް މާސްކު އެޅުން މުހިއްމެވެ. މާސްކުގެ ގޮތުގައި ސާޖިކަލް ނުވަތަ ފޮތި މާސްކުވެސް ބޭނުންކުރެެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ފޮތި މާސްކް ބޭނުންކުރާނަމަ ސަމާލުކަންދޭންޖެހޭ މުހިއްމު ކަންކަންވެސް އެ މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

އެގޮތުން މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހޭނެއެވެ. އަދި މާސްކުގެ ބޭރު ފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުންނެވެ. މާސްކް އަޅާފައި ހުންނަންވާނީ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާނެހެނެވެ. އަދި ބޭނުންކުރާ މާސްކަކީ ބާރު ނުވަތަ ދޫވެގެން އަބަދު އަބަދު އަތްލާ ރަނގަޅުކުރަންޖެހޭ ފަދަ މާސްކަކަށްވެގެން ނުވާނެކަމަށާއި، މާސްކް ފަހާފައި ހުންނަންވާނީ 3 ފަށަލަ ހުންނަ ގޮތަކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ ދަރިވަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ބޭނުންކުރަންޖެހޭނީ އެއްވެސް ފަރުމާއެއްނެތް ޕްލެއިން ފޮތިން ފަހާފައިހުރި މާސްކްކަމަށެވެ. އަދި މާސްކުގައި ސްކޫލުގެ ލޯގޯ ޖެހުމާއި އެނޫންވެސް ޒީނަތްތެރިކުރުމުގެ ގޮތުން އިތުރު ކުރެހުމެއް ނުވަތަ ފަރުމާއެއް ހުރެގެންނުވާނެއެވެ.

ސްކޫލްތަކުގައި އަލުން ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާއިރު، ރާއްޖޭގެ ބައެއް ސްކޫލުތަކުގެ ބެޖާއި ކުލަ ބޭނުންކޮށްގެން ފޮތި މާސްކުތަކެއް ބަޔަކު ހަދާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުންވަނީ ދައުރުވެފައިވެއެވެ. އަދި މިއީ އެ މިނިސްޓްރީން އެހާ ތަރުހީބުދޭކަމެއްނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ފެޝަނެއް ނޫންކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީވެސް ވަނީ ވިދާޅުވެފައެވެ.

އަހުމަދު

ސްކޫލު ހުޅުވެން ހަފްތާ އަކަށް ވެ، ގިނަ ބެލެނިވެރިން ދަރިވަރުންނަށް މާސްކް ފެހީމަތޯ މިނިސްޓްރީއިން ޕްލެއިން ފޮތިން މާސްކް ފަހަން އަންގަންވީ. ރަށްރަށުން ހަމަތިހެން ބުނެލާއިރަށް ޕްލެއިން ފޮތި ހޯދާނީ ކިހިނެއްތޯ؟ވަރަށް ހިތާމަ ހުރި ކަންކަންމީ.